ދިއްލީ (އޭޕްރިލް 8): މެލޭރިއާއަށް ފަރުވާ ދިނުމަށް ބޭނުން ކުރާ ބޭހެއް ކަމަށްވާ ހައިޑްރޮކްސިކްލޮރޮކުއިން އިންޑިއާއިން އެކްސްޕޯޓު ކުރުން މަނާ ކުރުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަކާ ގުޅިގެން އިންޑިއާއިން އަނެއްކާވެސް އެ ބޭސް އެކްސްޕޯޓު ކުރަން އެއްބަސްވެއްޖެ އެވެ.

ކޮރޯނާވައިރަހަށް ފަރުވާ ދިނުމުގައި އާދަޔާ ހިލާފަށް ރަނގަޅު ބޭހެއް ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވާ ހައިޑްރޮކްސިކްލޮރޮކުއިން އިންޑިއާއިން އެކްސްޕޯޓު ކުރުން އެއްކޮށް މަނާ ކުރީ މިދިޔަ ހޮނިހިރު ދުވަހުގަ އެވެ. އޭގެ ސަބަބުން އާދިއްތަ ދުވަހު ޓްރަމްޕް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ގުޅުއްވާ އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ. އަދި ހޯމަ ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އިންޑިއާއިން ބޭސް އަލުން އެކްސްޕޯޓް ނުކުރާ ނަމަ އެމެރިކާއިން "ބަދަލުހިފާނެ" ކަމުގެ އިންޒާރު ދެއްވާފަ އެވެ.

"އަޅުގަނޑު [މޯދީ]އާ ވާހަކަ ދެއްކިން އާދިއްތަ ދުވަހުގެ ހެނދުނު. އަދި އަޅުގަނޑުމެންގެ [ބޭސް] ސަޕްލައި ފޮނުވާ ދީފި ނަމަ ޝުކުރުވެރިވާނެ ކަމަށް ދެންނެވިން. އެ ބޭސް ނުފޮނުވާ ނަމަ އެގޮތް ވެސް އަޅުގަނޑުމެންނަށް ރަނގަޅު ނަމަވެސް [އެކަމަށް އެމެރިކާއިން] ބަދަލު ހިފާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

އޭގެ ފަހުން އިއްޔެ އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިހާރު ފެތުރެމުންދާ ބަލިމަޑުކަމުގެ ސަބަބުން "އިންސާނިއްޔަތުގެ ނަަޒަރަކުން ބަލައި، ހައިޑްރޮކްސިކްލޮރޮކުއިން ކޮންމެވެސް ވަރަކަށް އެގައުމުން އަނެއްކާ ވެސް އެކްސްޕޯޓު ކުރަން ނިންމާފައިވާ" ކަމަށް ބުނެފަ އެވެ. އެގޮތުން އިންޑިއާގެ އެހީއަށް ބޭނުންވާ ހުރިހާ އަވަށްޓެރި ގައުމުތަކާއި ބަލިމަޑުކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ގައުމުތަކަށް ބޭސް އެކްސްޕޯޓު ކުރާނެ ކަމަށް ބުނެފަ އެވެ.

އިންޑިއާގެ އެ ނިންމުމާ ގުޅިގެން ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ އެބަދަލު ގެނެސްފައި ވަނީ ޓްރަމްޕްގެ ޕްރެޝަރާ ގުޅިގެން ކަމަށް ބުނެފަ އެވެ. އަދި އިންޑިއާއިން އެހެން ގައުމުތަކަށް އެހީވި ނަމަވެސް އެގައުމުގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް ބޭސް ރައްކާކުރުން މުހިއްމު ކަމަށް ބުނެފަ އެވެ.

އެހެންކަމުން އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އަނުރާގް ސްރިވަސްތަވާ ވަނީ އެގައުމަށް ބޭނުންވާ ވަރަށާއި އެކްސްޕޯޓު ކުރެވޭ ވަރަށް ބޭހުގެ ސްޓޮކް ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ފެނުނު އާ ކޮރޯނާވައިރަސް ހުންނަ މީހުންނަށް ހައިޑްރޮކްސިކްލޮރޮކުއިން ދިނުމުން އެމީހުންގެ ބަލި ރަނގަޅުވާ ކަމުގެ އެއްވެސް ސައިންޓިފިކް ހެއްކެއް އަދި ހޯދިފައި ނުވެ އެވެ. އަދި ޗައިނާގެ ޔުނިވާސިޓީއަކުން ހެދި ކުޑަ ދިރާސާއަކުން ދެއްކި ގޮތުގައި ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން އެ ބޭސް ބޭނުން ނުކުރާ މީހުންނަށް ވުރެ ގިނައިން ބޭސް ބޭނުން ކުރި މީހުންގެ ބަލި ރަނގަޅުވެފައެއް ނުވެ އެވެ.

މީގެ އިތުރުން ގިނަ ސައިންސުވެރިން ވަނީ ހައިޑްރޮކްސިކްލޮރޮކުއިން އަކީ ކޮރޯނާވައިރަހަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރުމަށް ހިތްވަރުދިނުމުގެ ކުރިން، އެކަމާ ބެހޭ އިތުރު ދިރާސާތައް ހަދަން ޖެހޭ ކަމަށް ބުނެފަ އެވެ.

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަހާއި އޭގެ ސަބަބުން ޖެހޭ ކޮވިޑް-19 ބައްޔަށް އަދި ވަކިން ފަރުވާއެއް ހޯދިފައި ނުވެ އެވެ. މިވަގުތު އެ ބަލި ޖެހޭ މީހުންނަށް ފަރުވާ ދެނީ ބަލީގެ އަލާމާތްތައް ރަނގަޅުކޮށްގެންނެވެ. ނަމަވެސް އެ ބައްޔަށް ފަރުވާ ދިނުމަށް ބޭނުން ކުރެވިދާނެ ބޭސްތަކާއި ބަލިން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އެކި ގައުމުތަކުގައި ދަނީ ކުރަމުންނެވެ.

އެމެރިކާގައި މިހާތަނަށް 399،000 އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 12،907 މީހަކު ވަނީ މަރުވެފަ އެވެ. އަދި އިންޑިއާގައި މިހާރު 5,356 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، 160 މީހަކު ވަނީ މަރުވެފަ އެވެ.