16 Dec 2011, 21:02
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުކޮށްފައިވާ އިންޑިއާގެ ޖީއެމްއާރު ކުންފުނިން ރާއްޖެ އިން ބާލަން ގޮވާލައި އެމްވީކޭ މޯލްޑިވްސް އިން ރޭ ހިންގަން ފެށި ޕެޓިޝަނުގައި ހާހަކަށް ވުރެ ގިނަ ދިވެހިން ސޮއިކޮށްފި އެވެ.
އެމްވީކޭގެ އޮފިޝަލަކު މިރޭ ވިދާޅުވީ ޖީއެމްރާ ދެކޮޅަށް އެ ކުންފުނިން ފެށި ސިލްސިލާ މުޒާހަރާގެ ހަރަކާތްތަކުގައި ރޭ އާޓިފިޝަލް ބީޗްގައި ސޮއިކުރަން ފެށި ޕެޓިޝަން އާންމުންނަށް ހުޅުވާލުމާ އެކު ދެ ގަޑިއިރުގެ ތެރޭގައި 1000 އަށް ވުރެ ގިނަ މީހުން ސޮއި ކުރުމުން އެއީ ކާމިޔާބު ޕެޓީޝަނެއް ކަމަށް ކުންފުނިން ދެކޭ ކަމަށެވެ.
"ޖީއެމްއާރާ ދެކޮޅަށް އަޅުގަނޑުމެން ފަށާފައިވާ ސިލްސިލާ ހަރަކާތްކުގައި އަދި ވެސް ޕެޓިޝަންގައި ސޮއިކުރުމުގެ ބައި ކުރިޔަށް ގެންދާނެ. އަދި އަޅުގަނޑުމެންގެ މުޒާހަރާ ހަރަކާތްތައް ނުބާއްވާ ވަގުތުތަކުގައި ވެސް އެމްވީކޭ އޮފީހުގައި ޕެޓިޝަންގައި ސޮއިކުރެވޭނެ. އެ ފުރުސަތުގެ ބޭނުން މީހުން ހިފަމުން އެބަދޭ،" އެމްވީކޭގެ އޮފިޝަލު ވިދާޅުވި އެވެ.
"ޖީއެމްއާރު ގޯ ހޯމް"ގެ ނަމުގައި ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި މުޒާހަރާ ހަރަކާތުގައި މުޒާހަރާ އަށް ވުރެ ބޮޑަށް ކުރިޔަށް ގެންގޮސްފައި ވަނީ ޖީއެމްއާރް ރާއްޖެ އިން ބޭލުމަށް ގޮވާލާ ޕެޓީޝަނުގައި ސޮއިކުރުމުގެ ހަރަކާތެވެ. އެ ޕެޓިޝަނުގައި ސިޔާސީ އިދިކޮޅު ފަރާތްތަކާއި ކުރީގެ ސަރުކާރުގެ ބައެއް އިސްވެރިންނާއި އާންމުން އަދި ވިޔަފާރިވެރިން ވެސް ސޮއިކޮށްފައިވެ އެވެ.
ރޭގެ މުޒާހަރާ އާއި ޕެޓިޝަން ހަރަކާތުގެ ތެރޭގައި ހުންނަވައިގެން އެމްވީކޭގެ ވެރިޔާ އިބްރާހިމް ޝަފީގު (އެމްވީކޭ ޝަފީގު) ވިދާޅުވީ ޖީއެމްރާއާ ދެކޮޅަށް ހިންގާ ޕެޓިޝަނާއި މުޒާހަރާ ހަރަކާތް ހުއްޓާ ނުލައި ކުރިޔަށް ގެންދާނެ ކަމަށާއި ޖީއެމްއާރާ ދެކޮޅަށް ކުރާ މަސައްކަތްތައް ކާމިޔާބުވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.