08 Apr 2020, 09:56
މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފުރަތަމަ ފެނިފައިވާ ޗައިނާގެ ވޫހާން ސިޓީ، ދެ މަހަށްވުރެ ގިނަ ދުވަހު ލޮކްޑައުންގައި ބޭއްވުމަށްފަހު އެންމެ ފަހުން ބޯޑަރުތައް ހުޅުވާލައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އެ ވައިރަސް ކޮންޓްރޯލުކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން މިދިޔަ ޖެނުއަރީ މަހުގައި ވަނީ ވޫހާން ލޮކްޑައުންއަކަށް ގެންގޮސް، އެ ސިޓީއިން ބޭރަށް އަދި ބޭރުން އެ ސިޓީއަށް ދަތުރު ނުކުރެވޭ ގޮތަށް ހަދާފަ އެވެ.
އަދި ލޮކްޑައުންގައި 76 ދުވަހު ވޫހާން ސިޓީ ބޭއްވުމަށްފަހު އަލުން ބޯޑަރުތައް ހުޅުވާލި ނަމަވެސް ބައެއް ކަހަލަ ފިޔަވަޅުތައް އަޅާނެ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. އެގޮތުން ވައިރަސްގެ އިންފެކްޝަން އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ތަފާތު މަސައްކަތް ކުރާނެ ކަމަށް ވޫހާން އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
ގާތްގަނޑަކަށް 11 މިލިއަން މީހުން ދިރިއުޅޭ ވޫހާންގައި ތިބި މީހުންގެ ތެރެއިން އެ ސިޓީއިން ބޭރަށް ނިކުންނަން ބޭނުންވެފައިވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނެ އެވެ. އެގޮޮތުން ސިއްހަތު ރަނގަޅު ފަރާތްތައް، މިއަދުން ފެށިގެން އެ ސިޓީއިން ނިކުތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
ޗައިނާގެ ހުބެއި ޕްރޮވިންސްގެ ކެޕިޓަލް، ވޫހާން ސިޓީ އަލުން ހުޅުވާލުމާއެކު، މިއަދު އެކަނިވެސް ރޭލު މެދުވެރިކޮށް 55،000 އެއްހާ މީހުން އެ ސިޓީއިން ނިކުންނާނެ ކަމަށް ބެލެވޭ ކަމަށް ވޫހާންގެ ރެއިލްވޭ އޮތޯރިޓީއިން ބުނެ އެވެ.
ވޫހާންގެ އެޕިޑެމިކް ކޮންޓްރޯލް އޮފިޝަލެއް ކަމަށްވާ ލުއޯ ޕިންގް ވިދާޅުވީ އެ ސިޓީގެ ލޮކްޑައުން އުފުއްލުމަކީ ސިޓީގެ އިޖުތިމާއީ އަދި އިގުތިސާދީ ހަރަކާތްތައް ސަސްޕެންޝަނުންގައި އޮވެ އަލުން ފަށައިގަތުމުގެ ސިގުނަލެއް ކަމަށެވެ.
"މަސައްކަތާއި ޕްރޮޑަކްޝަން އަލުން ފެށުމާ ގުޅިގެން މަގުތައް މައްޗަށް ގިނަ ބަޔަކު ވަނީ އެއްވާން ފަށާފައި. މިއާއެކު ކްރޮސް އިންފެކްޝަނެއް އުފެދުމުގެ ފުރުސަތު އެބައޮތް. އާންމުން މިހާރު މާސްކެއް ނާޅާ،" ޕިންގް ވިދާޅުވި އެވެ.
ވޫހާން އަލުން ހުޅުވާލި ނަމަވެސް ހުރިހާ ބިރެއް އަދި އެއްކޮށް ނިމުމަކަށް އައިސްފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ހުބެއި ޕްރޮވިންސް ވެސް ލޮކްޑައުންގައި އޮތް އިރު، މިދިޔަ މަހުގެ 25 ގައި އެ ޕްރޮވިންސް ވަނީ ހުޅުވާލާފަ އެވެ.
ކޮވިޑް-19އާ ގުޅިގެން ވޫހާން އިން ވަނީ 55،000 މީހުން އެ ވައިރަސް އަށް ޕޮޒިޓިވް ވެފަ އެވެ. އަދި އެ ސިޓީއިން މަރުވި މީހުންގެ އަދަދު ވަނީ 2،500 އަށް އަރާފަ އެވެ. އެ އަދަދަކީ މުޅި ޗައިނާގައި ވައިރަސް ފެތުރު މީހުންގެ 77 ޕަސެންޓެވެ.