ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ނުގެނެސް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާއި ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް މުޅިން އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" ގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެގެ މަޖިލީހުގެ ޖަލްސާގައި އިއްވަން ވަނީ ތާވަލުކޮށްފަ އެވެ. މިއަދުގެ ޖަލްސާވެސް އޮންނާނީ ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް، މިއަދު ހެނދުނު 11:00ގަ އެވެ.

މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތަށް ނިންމާ ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމަކަށް ގޮސްދާނެތީ އެވެ.

އަދި އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ އަމަލުކުރާނޭ ގޮތް ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތް ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާނީ ފާސްވެ ބިލު ތަސްދީކޮށް ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އާ ކައުންސިލަރުން އިންތިހާބު ކުރެވި މަގާމާ ހަވާލުވުމުން އެ ގާނޫނު އުވޭނެކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ކައުންސިލްތަކުގެ ދައުރު ދިގުދެމިގެންދާ ގޮތަށް މަޖިލީހަށް އާ ބިލެއް ހުށަހަޅާފައި މިވަނީ ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދެއްމުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށެވެ. އަދި މި ހާލަތުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކައުންސިލަރުންގެ ދައުރު ދިގު ދެއްމޭނެކަމަށް ދައުލަތުގެ ބަންޑާރަނައިބު އަދި މަޖިލީހުގެ ކައުންސެލް ޖެނެރަލްވެސް ލަފާ ދެއްވާފައި ވަނިކޮށެވެ.

ކައުންސިލުތަކުގެ ދައުރު ދިގު ދަންމަން ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާއަށް އިސްލާހު ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އެވެ. ގާނޫނުއަސާސީއަށް ފަސް ވަނަ އިސްލާޙު ގެނެސްފައި ވަނީ ކައުންސިލުތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް އިތުރު ކުރުމަށެވެ. އަހުމަދު ހަލީމް އިސްލާހު ހުށަހެޅުއްވީ އެ އިސްލާހަށް އަމަލު ކުރަން ފަށާ ތާރީހަކީ އާ ކައުންސިލު އިންތިހާބުވެ ހުވާ ކުރާ ތާރީހު ކަމަށް ހެދުމަށެވެ. އެ ބިލު އަދި އަނބުރާ ގެންގޮސްފައެއް ނުވެ އެވެ. އެހެން ނަމަވެސް، އެ ބިލް މިދިޔަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރިން ނަމަވެސް، އެ ފަހުން އެ ބިލް އެޖެންޑާކޮށްފައެއް ނުވެ އެވެ.

ދުނިޔޭގައި ބާރު މިނުގައި ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންވެސް ވަނީ މަޖިލީހަށް ވަކި ބިލެއް ހުށަހަޅުއްވާފަ އެވެ. އެ ބިލުގައި ވާގޮތުން ލޯކަލް ކައުންސިލް އިންތިހާބު ދެން ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެހެން ހާލަތަކަށް ބަދަލުވުމުންނެވެ. އަދި އެގޮތަށް ލަސްކުރި ނަމަވެސް ޖެނުއަރީ ހަވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެކަމަށްވެސް އެ ބިލުގައި ވަނީ ބުނެފަ އެވެ.

ކައުންސިލްތަކުގެ ދައުރު ހަމަވުމަށް ފަހު، ދެން ހަދާނެ ގޮތަކާ މެދު މެންބަރުންގެ މެދުގައި ވެސް ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. މަޖިލީހުގެ ރައީސް އާއި އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވަނީ، މި ދަނޑިވަޅަކީ ގާނޫނު އަސާސީއަށް ބަދަލެއް ގެންނަން ރަނގަޅު ދަނޑިވަޅެއް ނޫން ކަމަށާއި އެ ހައްލު ހޯދަން ޖެހޭނީ ގާނޫނަކުން ކަމަށެވެ. އަދި ބައެއް މެންބަރުން ވަނީ މިހާރު އިންތިހާބުވެފައިވާ ކައުންސިލްތަކުގެ ދައުރު ދިގުދެންމުން ރަނގަޅު ނޫން ކަމަށް ވިދާޅުވެ، އާ ކައުންސިލްތައް އިންތިހާބު ކުރެވެންދެން ކޮންމެ ރަށެއް ވެސް ހިންގުމަށް ރައީސް ބޭފުޅަކު އައްޔަން ކުރުމުގެ ހިޔާލު ވެސް ދެއްވައިފަ އެވެ.