08 Apr 2020, 00:00
ބަލިމީހާއަށް ފަރުވާ ދިނުމަށް ސިއްހީ ހިދުމަތްތެރިން ބޭނުން ކުރާ އަންގި ގައުން އަދި މާސްކް ފަދަ ތަކެތި ވިޔަފާރިވެރިން ބޭރުން ގެނައުމުން ސަރުކާރުން ގަންނަން ނިންމައިފި އެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ސަން' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮރޯނާވައިރަހުގެ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކަށްވެސް އަންގި ގައުން އަދި ޖެހިފައިވާ ދަނޑިވަޅެއްގައި ރާއްޖޭގައި އެތަކެތި ގެނެސްފައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.
މިހާރު އޮތް ހާލަތަށް ބޭނުންވާ ވަރަށް އެތަކެތި އެބަހުރިކަން ފާހަގަކޮށް މަބުރޫކު ވިދާޅުވީ އެތަކެތި އިތުރަށް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދާ ކަމަށެވެ.
"ރާއްޖެއިން މަސައްކަތް ކުރަނީ ޑަބްލިއުއެޗްއޯ އާ އެކީގައި. އަޅުގަނޑުމެންނަށް ހުރި ހުރިހާކޮޅެއް އެބަ ބަލަން. އަދި ރާއްޖޭގައި މެޑިކަލް ސަޕްލައި ކުރާ ހުރިހާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލާފައި އޮތް ކަމެއް. އެއީ ރަނގަޅު ކޮމްޕެޓިޓިވް މާކެޓް ރޭޓް ކަމަށް ވަންޏާ ސަރުކާރުން ގަންނާނެ." މަބްރޫކު ވިދާޅުވި އެވެ.
މާސްކް އަންގި އަދި ގައުން ފަދަ ތަކެއްޗަކީ އިތުރަށް ގަނެގެން އޭގެން ގެއްލުމެއް ވާނެ ތަކެތި ނޫން ކަމަށް މަބުރޫކު ވިދާޅުވި އެވެ.
އިޓަލީ އާއި އެމެރިކާ ފަދަ ގައުމުތަކުގައި އަންގި، ގައުން އަދި މާސްކު ބޭނުންވާ ވަރަށް ނުލިބި ބައެއް ހޮސްޕިޓަލުތަކުގެ ސިއްހީ ހިދުމަތްތެރިން ގައުންގެ ބަދަލުގައި ޕްލާސްޓިކް ކޮތަޅު ދަނީ ބޭނުން ކުރަމުންނެވެ. އެ ދެ ގައުމަކީވެސް ކޮރޯނާ ވައިރަސް ބާރު ސްޕީޑުގައި ފެތުރެމުންދާ ދެ ގައުމެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އިބްރާހިމް އަފްޒަލް ވިދާޅުވީ ވޯސްޓް ކޭސް ސިނާރިއޯއަކަށް ދާނީ ވައިރަސް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް ނޭޅޭ ހާލަތުގައި ކަމަށެވެ. ރާއްޖޭގައި ކޮރޯނާވައިރަސް ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ބަރާބަރަށް އަޅަމުން ދާ ކަން ފާހަގަކޮށް ޑރ އަފްޒަލް ވިދާޅުވީ ކަންކަން ގޯސްވެދާނެ ހާލަތަކަށްވެސް ތައްޔާރުވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ކޮރޯނާވައިރަހަށް ޕޮސިޓިވްވެފައި ވަނީ 19 މީހެކެވެ. އޭގެ ތެރެއިން 13 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ރާއްޖޭން ބޭރުގައި ޕޮސިޓިވްވި ދެ މީހަކު ހުރި އިރު ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.