ރެކްޔަވެކް (ޑިސެމްބަރ 16) : ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ހުޅަނގު ޔޫރަޕްގެ ޤައުމެއް ކަމަށްވާ އައިސްލެންޑުން އިިޢްތިރާފް ވެއްޖެވެ.

މިކަން އިޢްލާން ކުރައްވަމުން އައިސްލެންޑްގެ ޚާރިޖީ ވަޒީރު އޮވްސްކާ ރިޑެންސަން ވިދާޅުވީ 1967ގެ ހަނގުރާމައިގެ ކުރިން ފަލަސްތީނުގެ ސަރަޙައްދުގެ ގޮތުގައި އޮތް ބިންތަކަކީ ފަލަސްތީނުގެ ދައުލަތުގެ ބިންކަމަށާއި އެބިމުގައި ޕީއެލްއޯ އިން އިޢްލާންކޮށްފައިވާ ދައުލަތަކީ ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތް ކަމަށް އައިސްލެންޑުން އިޢްތިރާފްވާ ކަމުގައެވެ.

ނަވާރަސަތޭކަ ފަސްދޮޅަސް ހަތް ވަނަ އަހަރުގެ ހަނގުރާމައިގާ އިސްރާއީލުން ވަނީ ހުޅަނގު އައްސޭރި އާއި ޣައްޒާގެ ހުރިހާ ބިމެއް ހިފާފަ އެވެ. މިބިންތަކުގެ ބޮޑުބައެއްގައި އިސްރާއީލުން ވަނީ ޔަހޫދީންނަށް ގެދޮރު އާބާދުކޮށް އަވަށްތައްހަދައި ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސް އެބިންތަކުގައި ވަޒަންވެރި ކުރުވާފަ އެވެ. އެއާއެކު އިސްރާއީލުން ވަނީ މިބިންތަކުގައި ހިމެނޭ އިރުމަތީ ޤުދްސު އިސްރާއީލުގެ ބިމެއްގެ ގޮތުގައި ހަމަޖައްސައި ހުޅަނގު އައްސޭރީގެ ބިމުގެ ބޮޑުޔަކުން ނުފައިބާނެކަން އިޢްލާން ކޮށްފަ އެވެ.

އައިސްލެންޑަކީ ހުޅަނގު ޔުރަޕްގެ ޤައުމުތަކުގެ ތެރޭން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާވި ހަމައެކަނި ޤައުމެވެ. މިހާރު ޔޫރަޕްގެ އިއްތިޙާދުގައި ހިމެނޭ އިރުމަތީ ޔޫރަޕްގެ ޤައުމުތަކާއި ސައިފްރަސް ވަނީ މާކުރިން 1990ގެ އަހަރުތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވެފަ އެވެ.

އައިސްލެންޑުގެ ސަރުކާރުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވުމުން އެމެރިކާ އާއި އިސްރާއީލު ވަނީ އެކަމަށް ފާޑުކިޔައި ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. (އަލްޖަޒީރާ)