16 Dec 2011, 13:38
ނޯތް ކެރޮލައިނާ (ޑިސެމްބަރ 16) ޢިރާޤުން އެމެރިކާ ސިފައިން ބޭފުމަކީ ތާރީޚީ ކަމެއް ކަމަށް ސިފަކުރައްވައި އެކަމަށް މަރްޙަބާ ވިދާޅުވެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވާހަކަ ދައްކަވައިފި އެވެ.
ޢިރާޤުން ފައިބާ އެމެރިކާ ސިފައިންނަށް މަރްޙަބާ ކިޔުމުގެ ގޮތުން ނޯތް ކެރޮލައިނާގެ ފޯޓް ޕްރާޤް ޢަސްކަރީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އޮބާމާ ވިދާޅުވީ ޢިރާޤާ ދެކޮޅަށް ފެށި ހަނގުރާމައިގާ އެމެރިކާ ސިފައިންގެ 4500 މީހުންނާއި ޢިރާޤުގެ 60 ހާސް މީހުން މަރުވި ކަމުގަ އެވެ. އަދި އެމެރިކާގެ ބަޖެޓުން 1.2 ޓްރިލިޔަން ޑޮލަރު މިހަނގުރާމައަށް ޚަރަދުވި ކަމުގަ އެވެ.
ޢިރާޤުގައި އެމެރިކާ ހިންގި އަނިޔާވެރި ހަނގުރާމަ އާއި ލާއިންސާނީ ޢަމަލުތަކަކީ އެމެރިކާ ޢިރާޤުގައި ވީ "ޤުރްބާނީ"ތަކެއް ކަމަށް ވިދާޅުވެ މިޤުރްބާނީތައް އެމެރިކާގެ ރައްޔިތުން އަބަދުވެސް ހަނދާންކުރާނެ ކަމަށް އޮބާމާ ވިދާޅުވި އެވެ. އެމެރިކާ ވަނީ ނުވަ އަހަރުގެ ހަނގުރާމައިގާ ޢިރާޤުގެ ރައްޔިތުންގެ އަޅުވެތިކޮށް އެޤައުމު ޓެރަރިޒަމްގެ ހާއްޔަކަށް ހަދާފަ އެވެ.
ޢިރާޤުގެ އަބޫޣުރައިބު ޖަލާއި ސިއްރުޖަލުތަކުގައި ޢިރާޤުގެ އަސީރުންނާ ދެކޮޅަށް އެމެރިކާ ސިފައިން ހިންގި އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ބޭޒާރުވުމުން މުޅިދުނިޔެ ސިހިގެން ގޮސްފައިވެ އެވެ. މީގެ އިތުރުން ޢިރާޤުގެ އެތައް ގެއަކަށް ހަތިޔާރާއެކު ވަދެ ޢާއިލާތައް ހުރިހުރިގޮތަށް މަރައި ބިރުވެރި ޤަތްލު ޢާންމުތަކެއް ފާއިތުވި 9 އަހަރު ތެރޭގައި އެމެރިކާ ސިފައިން ހިންގާފައިވެ އެވެ.
ޢިރާޤާ ދެކޮޅަށް އެމެރިކާކުރި ހަނގުރާމައިގެ ސަބަބުން ޢިރާޤު މުޅިން ހަލާކުވެ ވީރާނާވެފައިވާއިރު އެމެރިކާގެ ޙަމަލާތަކުގައާއި އެމެރިކާގެ ސަބަބުން ޢިރާޤުގައި ފެށުނު ޓެރަރިޒަމާއި ބޮންގޮއްވުމުގެ ޙަމަލާތަކުގައި ތިން ލައްކައަށް ވުރެ ގިނަ ޢިރާޤު ރައްޔިތުން މަރުވެ މިލިޔަނެއްހާ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޢިރާޤު ހަނގުރާމައަކީ ދެވަނަ ބޮޑު ހަނގުރާމައިގާ ޖަޕާނަށް އެޓޮމްބޮމުން ޙަމަލާދީ ތިން ލައްކައެއްހާ މީހުން އެއްފަހަރާ މަރާލުމަށް ފަހު އެމެރިކާ ހިންގި އެންމެ ބޮޑު ޖަރީމާކަމަށް މުޙައްލިލުން ފާހަގަކުރައްވަ އެވެ. ޢިރާޤު ހަނގުރާމައިގެ މޭސްތިރިޔާ ކަމަށްވާ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް ހިފައި ހައްޔަރުކޮށް އޭނާގެ މައްޗަށް ޝަރީޢަތް ހިންގުމަށް އެމެރިކާގެ ރައްޔިތުން ވެސް ގެންދަނީ ގޮވާލަމުންނެވެ.
ޢިރާޤުން ފައިބާ އެމެރިކާ ސިފައިންނަށް މަރްޙަބާ ކިޔުމުގެ ގޮތުން ނޯތު ކެރޮލައިނާގެ ފޯޓް ޕްރާޤް ޢަސްކަރީ މަރުކަޒުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޢިރާޤު ހަނގުރާމަ ނިންމާލުމަކީ އެމެރިކާ ރައްޔިތުން އުފާވާނެ އަދި އެމެރިކާ އަށް ހަމަޖެހުމާއި ފާގަތިކަން ގެނަސްދޭނެ ކަމެއްކަމަށް އޮބާމާ ވިދާޅުވި އެވެ.
އެމެރިކާ ޢިރާޤާ ދެކޮޅަށްކުރި ހަނގުރާމަ ނިމުމަކަށް އައިސް އެމެރިކާގެ އަޅުވެތިކަމުން ޢިރާޤު މިނިވަންވާތީ ޢިރާޤު ރައްޔިތުން ގެންދަނީ އެޤައުމުގެ އެކިކަންކޮޅުތަކުގައި އުފާފާޅުކުރަމުންނެވެ. (ނޫސްއެޖެންސީތައް)