07 Apr 2020, 19:51
ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އިއުލާން ކުރި އިކޮނޮމިކް ރިކަވަރީ ޕެކޭޖްގައި ހިމެނޭ ރިސޯޓްތަކާއި ބޮޑެތި ވިޔަފާރިތަކަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ހުޅުވާލައިފި އެވެ.
ރިލީފް ޕެކޭޖްގެ ދަށުން، އާންމު ވިޔަފާރިތަކަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުރާނެކަން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ތެރެއިން ބީއެމްއެލްއިން ލޯނު ދޫކުރާނީ 10 މިލިއަން ރުފިޔާއަށް ވުރެމަތިން އާމްދަނީ ލިބޭ ވިޔަފާރިތަކަށެވެ.
ބީއެމްއެލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރިސޯޓްތަކުގެ ތެރެއިން ބީއެމްއެލްއިން ލޯނު ދޫކުރުމުގައި ބަލާނީ، މިދިޔަ އަހަރު ފައިދާވެފައިވާ ރިސޯޓްތަކަށް އަދި ކުރިއަށް އޮތް ތިން އަހަރުގެ ލަފާ ކުރާ އާމްދަނީ ރަނގަޅު ރިސޯޓްތަކަށް ކަމަށެވެ. އެގޮތުން ލޯނު ދޫކުރަން ޝަރުތު ހަމަވާ ކޮންމެ ރިސޯޓަކަށް ވެސް 7.71 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
ރިސޯޓްތައް ނޫން އާންމު ވިޔަފާރިތަކުގެ ތެރެއިން ބީއެމްއެލްއިން ލޯނު ދޫކުރަނީ މިދިޔަ އަހަރު 10 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ވިޔަފާރިތަކުގެ އިތުރަށް މިދިޔަ އަހަރު ފައިދާގައި ހިންގާފައިވާ ވިޔަފާރި ތަކަށެވެ. އެގޮތުން އެފަދަ ވިޔަފާރިތަކަށް، އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން އަދި ބުނި ގޮތުގައި ލޯނަށް އެދޭ އެއްވެސް ވިޔަފާރިއަކުން މާލީ އިދާރާއަކުން ނަގާފައިވާ ލޯނެއް އޮތް ނަމަ، ބަރާބަރަށް ދައްކަމުން ނުދާ ނަމަ، އެ ފަރާތެއް ލޯނަށް ޝަރުތު ހަމަ ނުވާނެ ކަމަށެވެ.
އެ ލޯނަށްކުރިމަތިލުމަށް ޓަކައި އެކަމަށް ހާއްސަކޮށްފައިވާ ފޯމާއި ލިޔެކިޔުންތައް[email protected]އަށް އީމެއިލް ކުރުމަށް ބޭންކުން ވަނީ އެދިފަ އެވެ.
ވޯކިން ކެޕިޓަލްގެ ގޮތުގައި ބޭނުން ކުރުމަށް ދޫކުރާ މި ލޯނަކީ ލޯނު ދޫކުރާތާ ހަ މަސް ފަހުން އަނބުރާ ދައްކަން ފަށަން ޖެހޭ ގޮތަށް ހަ ޕަސެންޓުގެ އިންޓަރެސްޓްގައި ދޫކުރާ ލޯނެކެވެ. އަދި މި ލޯނު އަނބުރާ ދައްކަން ޖެހެނީ ތިން އަހަރުގެ ތެރޭގަ އެވެ.
އެ ލޯނަށް ފިނޭންސް މިނިސްޓްރީއިން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ކޮރޯނާވައިރަހުގެ މާލީ ގެއްލުންތަކާ ގުޅިގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވުމާއި ރިސޯޓްގެ ދިވެހި މުވައްޒަފުންގެ އަދަދު 45 ޕަސެންޓަށް ވުރެ މަދުނުވުން ހިމެނެ އެވެ. އަދި އެ ލޯނު ނަގާ ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް ވެސް ޝަރުތު ކުރާނެ ކަމަށް ފިނޭންސުން ބުންޏެވެ.
މީގެ އިތުރުން ރިލީފް ޕެކޭޖްގެ ދަށުން 10 މިލިއަން ރުފިޔާއަށް ވުރެ ދަށުގެ އާމްދަނީ ލިބޭ ކުންފުނިތަކާއި އަމިއްލަ މަސައްކަތް ކުރާ އާންމު ފަރުދުންނަށް ލޯނު ދޫކުރާނީ، އެސްއެމްއީ ފައިނޭންސް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ. އެ ތަފްސީލްތައް އެ ބޭންކުން އަދި ހާމައެއް ނުކުރެ އެވެ.