07 Apr 2020, 19:33
ރާއްޖޭގައި ހުރެފައި ދިޔަ ބިދޭސީއަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމުން ބޮޑުފުށި ރިސޯޓާއި ޖޯލި މޯލްޑިވްސް ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނީ ޖޯލި ރިސޯޓާއި ބޮޑުފުށީގައި ހުރެފައި ދިޔަ ބޭރު މީހަކު އަނބުރާ ގައުމަށް ދިޔަ ފަހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އެ ދެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި ކޮންޓެކްޓް ޓްރޭސިން ނިމެންދެން އެ ދެ ރަށް އޮންނާނީ މޮނިޓަރިންގެ ހާލަތުގައި ކަމަށް ބުންޏެވެ.
މީގެ ކުރިން ރާއްޖޭގައި ހުރެފައި ފުރުމަށް ފަހު ކޮރޯނާވައިރަހަށް ހަތަރު މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެއީ ކުރެއްދޫ ރިސޯޓުގައި ހުރެފައި ދިޔަ އިޓަލީ މީހަކާއި، އައިލެންޑް ސަފާރީގައި ތިބެފައި ކަރަންޓީނުގައި 14 ދުވަސް ހަމަ ކުރި އިޓަލީގެ ދެ މީހެއް އަދި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ހުރެފައި ދިޔަ ފުޓުބޯޅަ ކުޅުންތެރިޔާ މަރުއާން ފެލެއިނީއެވެ.
އެ މީހުންގެ ތެރެއިން ކުރެއްދޫ ރިސޯޓުގައި ހުރި މީހާ ބަލިވެ ހުއްޓާ ފުރުވާލި މައްސަލައިގައި ފުލުހުން ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.