ކުއާލަލަމްޕޫރު (ޑިސެމްބަރ 15) : ޔޫރަޕްގެ ޤައުމުތަކަކީ އިޤްތިސާދީ ގޮތުން ބަލިކަށި އަދި ލިބޭމިންވަރު މަދުވަމުންދާ ޤައުމުތައް ކަމަށާ އެހެންކަމުން ލިބޭމިންވަރު ދަނެގެން ބޭޒާރުނުވެ އުޅުމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު ބިން މުޙައްމަދު އެޤައުމުތަކަށް ގޮވާލައްވައިފި އެވެ.

ދަރަނީގެ ސަބަބުން އިނދަޖެހިފައިވާ ޔޫރަޕްގެ އިޤްތިސާދު އަލަށް ނެގެހެއްޓުމަށް އެހީވުމުގެ ގޮތުން މެލޭޝިޔާގައި ފަންޑެއް ހުޅުވައި ދެއްވަމުން މަހާތީރު ވިދާޅުވީ މިއަދު ޔޫރަޕް ރައްޔިތުންނަކީ އެމީހުންކުރިން އުޅުނު މުއްސަނދިކަމުގައި އުޅެވޭނެ ބައެއްނޫން ކަމަށާއި ޔޫރަޕުން ފެންނަ މުއްސަނދި ދަޅަތަކަކީ ޙަޤީޤަތަކަށް ވުރެ ދެއްކުމެއް ކަމުގަ އެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ޔޫރަޕްގެ އިޤްތިސާދީ ފެންވަރަށް ވުރެ މަތީގައި އުޅެން މަސައްކަތް ނުކުރުމަށް މާހާތީރު އެ ޤައުމުތަކަށް ގޮވާލެއްވި އެވެ. ޔޫރަޕްގެ ގިނަ ޤައުމުތަކަކީ ޤުދްރަތީ ވަސީލަތްތަކުގެ ބޮޑުބައެއް ހުސްވެފައިވާ އަދި އިސްތިޢްމާރުގެ ދުވަސްވަރު ކުދިޤައުމުތަކުން ފޭރިގެން ގެނަސްފައިވާ މުދާތައް ވެސް ހުސްވެ ދަރަނީގެ ކަނޑެއްގައި ފަތަމުންދާ ޤައުމުތަކެއް ކަމަށް މަހާތީރު ސިފަކުރެއްވި އެވެ.

މަހާތީރު ވިދާޅުވީ 1997 ން 1998 ށް އޭޝިޔާ އަށް ކުރިމަތިވި މާލީ ތަދުމަޑުކަމުގައި އޭޝިޔާގެ ޤައުމުތަކަށް އެހީވުމަށް ޔޫރަޕް ފަސްޖެހެނުކަމަށާ އެ ދުވަސްވަރު މެލޭޝިޔާގެ ރިންގެޓަށާއި އިންޑޮނީޝިޔާއާއި އެނޫން އޭޝިޔާގެ ޤައުމުތަކުގެ ފައިސާއަށް ޙަމަލާދިނީ ޔޫރަޕްގެ ރިޒާވް ބޭންކުގެ ފަންޑްތަކުން ކަމުގަ އެވެ.

އެ ދުވަސްވަރު މެލޭޝިޔާ އަށް ކުރިމަތިވި އިޤްތިސާދީ އަނދަވަޅުން ސަލާމަތްވުމަށް ޓަކައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އެހީ ހޯދުމަށް މެލޭޝިޔާ ދެކޮޅުހެދުމުންނާއި ޔޫރަޕުންދިން މާލީ ނަސީޙަތްތައް ޤަބޫލު ނުކުރުމުން މެލޭޝިޔާ އަށް މަލާމާތްކުރި ޔޫރަޕް މިހާރު ވަނީ އެ ދުވަސްވަރު މެލޭޝިޔާއޮތް ޙާލަތަށްވުރެ މާނިކަމެތި ޙާލަތެއްގައި ކަމަށް މަހާތީރު ސިފަކުރެއްވި އެވެ.

ދަރަނީގެ ސަބަބުން އިނދަޖެހިފައިވާ ޔޫރަޕަށް އެހީވުމުގެ ގޮތުން މަހާތީރު ހުޅުއްވައިދެއްވި ފަންޑަށް މެލޭޝިޔާ އިން އެހީވާނެތޯ ކުރެވުނު ސުވާލެއްގެ ޖަވާބުގައި މަހާތީރު ވިދާޅުވީ ޔޫރަޕުން މެލޭޝިޔާ އިނދަޖައްސާލަން މަސައްކަތްކުރި ނަމަވެސް މެލޭޝިޔާ އިން ޔޫރަޕް ނެގެހެއްޓުމަށް މާލީ އެހީ ދޭންޖެހޭނެ ކަމުގަ އެވެ. (އަލްޖަޒީރާ)