07 Apr 2020, 16:50
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރު ބަންދަސް މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ.
އެގޮތުން މިހާރު މަތީތައުލީމާއި ތަމްރީނަށް ދޭ ސްޓޫޑަންޓް ލޯނުގަޔާއި، ސްކޮލަޝިޕާއި، ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގައި ބައިވެރިވެފައިފައިވާ ފަރާތްތަތަކަށް ކުރިއެކޭ ވެސް އެއްގޮތަށް ލޯނު ލިބޭނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.
ފާއިތުވި ހަފްތާގައި އެކަނިވެސް ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގައި ބައިވެރިވެފައިވާ ދަރިވަރުންގެ ތެރެއިން 1148 ދަރިވަރަކަށް ދޫކުރަންޖެހޭ ފައިސާ ވަނީ ދޫކޮށްފަ އެވެ.
ސަރުކާރު ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު މިހާރު އޮންނަ ގޮތުން ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރެއްގެ އެކަޑަމިކް އަހަރަކަށް ދޫކުރަން ހަމަޖެހިފައިވާ ފައިސާ ދޫކުރާނީ، 2 ބަޔަށް ބަހާލައިގެން އެދަރިވަރެއްގެ އެކަޑެމިކް އަހަރުގެ ތެރޭގައި 2 ފަހަރެއްގެ މަތީންނެވެ.
އެ ސްކީމްގެ ދަށުން ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ލިބޭ ފައިސާގެ ތަފްސީލު ބެލޭނެ އިންތިޒާމެއް ގާއިމްކުރުމަށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ފައިސާ ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދަން ވަނީ ފަށައިފަ އެވެ.
"އެގޮތުން މި ސްކީމް މިދިޔަ އަހަރު ފެށުނު އިރު ކަރުދާސް (ހާޑް ކޮޕީ) އެޕްލިކޭޝަނެއް މިމިނިސްޓްރީއަށް ހުށަހަޅުއްވައިގެން ސްކީމްގައި ބައިވެރިވެ ވަޑައިގަތް ދަރިވަރުން އޭގެ ފަހުން އެ ޕޯޓަލްގައި ރަޖިސްޓްރީވެ ވަޑައިގެންފައި ނުވާނަމަ، ލަސްނުކުރައްވާ myedu.egov.mv މެދުވެރިކޮށް ރަޖިސްޓްރީ ވެވަޑައިގަތުމަށް ދަންނަވާފައިވެސް ވާނެއެވެ. އެހެންނަމަވެސް އަދިވެސް ބައެއް ދަރިވަރުން ޕޯޓަލްގައި ރަޖިސްޓްރީވެ ވަޑައިގެންފައި ނުވާތީ އަވަހަށް އެކަން ކުރެއްވުމަށް އިލްތިމާސްކުރަމެވެ. އެއީ ފައިސާ ދޫކުރުމަށް މަގުފަހިވާނީ އޭގެ ފަހުން ކަމަށްވާތީ އެވެ." މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާފައިވާ އެއްވެސް ދަރިވަރެއްގެ އެޕްލިކޭޝަން، ޕޯޓަލްއިން ބަލާއިރު ފުރިހަމަ ނޫން ކަމަށް ދައްކާ ނަމަ، ވީ އެންމެ އަވަހަށް އެ ޕޯޓަލް ގައި ދީފައިވާ އިރުޝާދުތައް ރަނގަޅަށް ބަލައި، އެކަންކަން ފުރިހަމަކޮށް އަލުން އެޕްލިކޭޝަން ލުމަށް ވެސް މިނިސްޓްރީއިން ވަނީ އިރުޝާދު ދީފަ އެވެ.