ޓެންޑާ ބޯޑު މެދުވެރިކޮށް އިމާރާތްކުރުމުގެ މަސައްކަތް އެވޯޑު ކުރާނެ އުސޫލެއް އެކުލަވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން މިމަހުގެ އެއްވަނަ ދުވަހު އާންމުކުރި އިއުލާނުގައި ބުނެފައި ވަނީ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވައިދުގެ ދަށުން ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އިމާރަތް ކުރުމުގެ މަސައްކަތްތައް ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް އެވޯޑު ކުރާއިރު، ބިޑް ޑޮކިޔުމެންޓުގައިވާ ގޮތަށް އިވެލުއޭޓު ކުރުމުގެ އިތުރުން އިތުރު ކަންތައްތަކަށް ރިއާޔަތް ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މަސައްކަތް އެވޯޑުކުރާ ފަރާތަކީ އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ ދަށުން ރެޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށާއި ކުންފުންޏަކަށް މަސައްކަތް އެވޯޑު ކުރެވޭނީ އެ ގަވައިދުގެ ދަށުން އެ ކުންފުންޏެއް ނިސްބަތްވާ ގްރޭޑަށް ބަލައި، އާ އުސޫލުގައިވާ ޖުމްލަ އަގު ނުވަތަ ޖުމްލަ އަދަދަށް ވުރެ، އެވަގުތު އެ ކުންފުންޏަކުން ކުރަމުންދާ އިމާރާތްކުރުމުގެ މަސައްކަތުގެ ޖުމްލަ އަގު ނުވަތަ އަގު އިތުރު ނުވާ ނަމަ ކަމަށް އިއުލާނުގައިވެ އެވެ.

ބިޑް އެވޯޑު ކުރާއިރު ޖުމްލަ އަގު އަދި އަދަދު ބަލާނެ ގޮތް

ޖުމްލަ އަގު އަދި ޖުމްލަ އަދަދު ގުނުމުގައި ބަލާނީ، ދައުލަތުގެ އިދާރާތަކުން އެވޯޑުކޮށްފައިވާ އިމާރާތްކުރުމުގެ މަސައްތަތްތަކަށް ކަމަށާއި މިގޮތުން، އެވޯޑުކުރާ މަސައްކަތުގެ ބީލަން ހުށަހަޅާ ތާރީހުގެ ކުރިން އެވޯޑްކޮށްފައިވާ އަދި އެތާރީހާއި ހަމައަށް މަސައްކަތް
ނިންމިކަމުގެ ސެޓްފިކެޓް ލިބިފައިނުވާ މަސައްކަތްތައް ހިމަނާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ނަމަވެސް މި އުސޫލަށް އަމަލު ކުރާއިރު، އާންމުކޮށް ބީލަމަށް ހުޅުވާނުލާ ކުރިއަށްގެންދާ ބީލަންތައް ނުހިމަނާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.