07 Apr 2020, 14:34
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އިން ބޭރުގައި 'ހާލުގައި' ޖެހިފައި ތިބި ދިވެހިންނަށް ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރިހީ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ، ބަލިމަޑުކަމާ ގުޅިގން ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައި ތިބި ދިވެހިންނަށް އެހީވުމަށް ސަރުކާރުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށް ބައިވަރު ފައިސާތަކެއް ވެސް ޚަރަދު ކުރުމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވީ އެވެ.
"މި ޚަރަދު ކުރައްވަމުން ގެންދަވާއިރު އަޅުގަނޑުމެން ޒަކާތު ފައިސާއިން ތިން މިލިއަން ރުފިޔާ އެ ބޭފުޅުންނަށް ކޮންމެވެސް ސަޕޯޓެއް ދިނުމުގެ ގޮތުން ޒަކާތު ފައިސާއިން އަޅުގަނޑުމެން ވާނީ ހަރަދުކޮށްފައި،" ޑރ. ޒާހިރު ވިދާޅުވި އެވެ.
މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ ޒަކާތު ފަންޑު އަލުން އެކުލަވާލުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ޒަކާތު ފައިސާއިން ޚަރަދު ކުރަން ނުޖެހޭ ކަމަކަށް ޚަރަދު ކޮށްފައި ނުވާނެ ކަމަށެވެ. ޒަކާތު ފައިސާ ރަނގަޅު ގޮތުގައި ޚަރަދު ކުރުމަށް ޒަކާތު އެޑްވައިޒަރީ ކޮމެޓީއެއް އޮންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ކޮމެޓީގައި ތިއްބަވަނީ ދީނީ އިލްމްވެރިންނެވެ.
"މައްސަލައެއް އަތުވެއްޖެ ނަމަ އެ ކޮމެޓީއަށް ހުށަހަޅުއްވައި އެ ކޮމެޓީން ރަނގަޅު ކަމަށް ޚަރަދު ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވެއްޖިއްޔާ ދެން އަޅުގަނޑުމެން އެ ގޮތަކަށް ޚަރަދު ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަކާތުގެ ފައިސާ އަށް ބަޔަކަށް ބަހަން ޖެހޭކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ޚަރަދު ކުރުމުގައި ޝައްކެއް އުފެދޭ ނަމަ އެ ކަމެއް އެޑުވައިޒަރީ ކޮމެޓީއަށް ހުށަހަޅާ ކަމަށެވެ.
ޒަކާތު އެޑްވައިޒަރީ ކޮމެޓީ އޮންނަނީ ޒަކާތު ކޮމެޓީގެ މައްޗަށެވެ. އޭގެ އިތުރުން ޒަކާތު ބޭސްފަރުވާ ކޮމެޓީއާއި ޒަކާތު ސްކޮލާޝިޕް ކޮމެޓީއެއް ވެސް އޮވެ އެވެ.
ޒަކާތު ކޮމެޓީން ކަމަކަށް ޚަރަދުކުރުމަށް ނިންމުމުން އެކަމަކަށް ނޫން އެހެން ކަމަކަށް ޚަރަދު ނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވޭތުވެ ދިޔަ އަހަރު ބޭސްފަރުވާއަށް 16 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.