07 Apr 2020, 14:26
މެޑްރިޑް (7 އެޕްރީލް 2020) : ކޮރޯނާ ވައިރަސް "،ކޮވިޑް-19" އާ ހަނގުރާމަ ކުރުމުގައި ޔޫރަޕްގެ އިއްތިޙާދުގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބުމުން އެއިއްތިޙާދުގެ މުސްތަގްބަލާ މެދު ސްޕޭންގެ ބޮޑުވަޒީރު ސުވާލު އުފައްދަވައިފި އެވެ.
ޔޫރަޕްގެ އިއްތިޙާދަށް ފާޑުވިދާޅުވެ ސްޕޭންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ލިޔުއްވާފައިވާ މަޒްމޫނެއްގައި އޭނާވަނީ ދެ ވަނަ ބޮޑުހަނގުރާމައަށް ފަހު ކުރިމަތިވި އެންމެ ބޮޑު ކާރިސާއަކީ ކޮވިޑް-19 ކަމަށްވާއިރު އެކަމުގައި ޔޫރަޕްގެ އިއްތިޙާދުގެ އެހީތެރިކަމާއި އެއްބާރުލުން އެއިއްތިޙާދުގެ ގައުމުތަކަށް ނުލިބުމަކީ އާދައިގެ ކަމެއްނޫންކަމާއި އެއީ އެއިއްތިޙާދު ދެމިއޮތުމާއި އަދި ރޫޅުމާ ގުޅިފައިވާ ކަމެއް ކަމަށް ސިފަކުރައްވާފަ އެވެ.
ސްޕެއިންއަކީ "ކޮވިޑް-19"ގެ ޝިކާރައަކަށް ވެފައިވާ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެރޯގައި ދެވަނައަށް އެންމެ ބޮޑު ގެއްލުން ލިބިފައިވާ އަދި މިހާރު ވެސް ލިބެމުންދާ ގައުމެވެ. ސްޕެއިން އިން 136 ހާސް މީހުންނަށް ކޮވިޑް-19 ޖެހި އޭގެތެރެއިން 13 ހާހަށް ވުރެ ގިނަމީހުން ވަނީ މަރުވެފައެވެ.

ޔޫޜަޕްގެ އިއްތިޙާދުގެ ރައީސާ އުރުސުލާ ވޮންޑެލިޔެން
ސްޕެއިންގައި ގިނަ ބަޔަކު މަރުވީ ފުރަނައަށް ނުރައްކާވާ ހާލަތަށްދާ މީހުންނަށް ފަރުވާދޭން ބޭނުންކުރާ ވެންޓިލޭޓާރު ފަދަ ސިއްޙަތާބެހޭ ސާމާނު ނެތިގެން ކަމަށްވެ އެވެ. އަދި ސްޕޭންގެ ސިއްޙީ ޚިދްމަތްތެރިންގެ ގިނަބަޔަކަށް ކޮވިޑް-19 ޖެހުނީ ވެސް އަންގިއާއި ގައުން އާއި މާސްކް ފަދަ އެރޯގާއިން ރައްކާތެރިވުމަށް ބޭނުންކުރާ ސާމާނު ނެތުމުންނެވެ. އާންމުންގެ ގިނަބަޔަކަށް ޖެހުނީ އެ ރޯގާ އާ މެދު އެގައުމުގެ ސަރުކާރުންނާއި އާންމުން ފަރުވާކުޑަކޮށްލުމުގެ ނަތީޖާ އެއްގެ ގޮތުންނެވެ.
ފާއިތުވި ދެހަފްތާގައި އެރޯގާ ޖެހިގެން ސްޕޭންގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 600 މީހުންނަށް ވުރެ ގިނައިން މަރުވެފައިވެ އެވެ. ޔޫރަޕްގެ އެތަށް ނޫހެއްގައި ޝާއިޢުކޮށްފައިވާ ސަންޗޭޒްގެ މަޒްމޫނުގައި މިއީ "ކޮވިޑް-19" އާ ދެކޮޅަށް ޔޫރަޕްގެ ގައުމުތަކަށް އެހީތެރިވުމަށް ޖަމާއަތެއްގެ ގޮތުގައި ޔޫރަޕްގެ އިއްތިޙާދު ތެދުވަންވީ ވަގުތުކަމަށްވީ ނަމަވެސް ޔޫރަޕްގެ އިއްތިޙާދުން މިކަމުގައި ފެނުނީ އަޅާނުލުމުގެ މަންޒަރުކަން ހިތާމައާއެކު ފާހަގަ ކުރައްވާފައިވެ އެވެ.
މިއާއެކު ޔޫރަޕްގެ އާންމު ރައްޔިތުންގެ އިތުބާރުނެތް ހަމައެކަނި ނަމެއްގައި އޮންނަ އިއްތިޙާދެއްގެ ގޮތުގައި މުސްތަގްބަލްގައި ޔޫރަޕްގެ އިއްތިހާދު ފެނިދާނެކަމުގެ އިންޒާރު ސަންޗޭޒް ދެއްވާފައިވެ އެވެ. އަދި ކޮވިޑް-19 އަކީ ޔޫރަޕްގެ އިއްތިޙާދު އިމްތިހާނު ކުރުމަށް ކުރިމަތިވި ލޮލަށް ނުފެންނަވަރުގެ ކުޑަ އެހެންނަމަވެސް ނުރައްކާތެރި ދުޝްމަނެއް ކަމަށް ސަންޗޭޒް ސިފަކުރެއްވިއެވެ.

އިޓަލީގެ ބޮޑުވަޒީރު ގޮސިޕެ ކޮންޓޭ
ދުނިޔޭގައި ކޮވިޑް-19 ނުރައްކާ އެންމެ ބޮޑު ސަރަހައްދަކީ އަދި ވެސް ޔޫރަޕްގެ ބައްރެވެ. ޔޫރަޕްގެ ބޮޑެތި ބާރުތައް ކަމަށްވާ އިޓަލީ، ސްޕޭން، ޖަރުމަނު، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް ފަދަ ކުރިއަރާފައިވާ ގައުމުތައްވަނީ ކޮވިޑް-19 އާ ކުރިމަތިލުމުގައި މުޅިން ފެއިލްވެފަ އެވެ. އަދި އެގައުމުތަކުގެ ސިއްހަތާބެހޭ ނިޒާމުތައް ވެސް ވަނީ ކޮވިޑް-19ގެ ކުރިމަތީގައި ބަލިކަށިވެ އިނދަޖެހިފަ އެވެ. ޔޫރަޕުން ފަރުވާ ކުޑަކޮށްލީ އެއީ ޗައިނާގެ ރޯގާއެއް ކަަމަށް ނޫނީ އެރޯގާ ޖެހޭނީ ދުނިޔޭގެ ފަގީރު ގައުމުތަކަށް ކަމަށް ދެކެގެންކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ޔޫރަޕްގެ ބައެއް އާންމުންނާއި ޔޫރަޕްގެ ބައެއް ސަރުކާރުތަކުގެ ނުރުހުން ޔޫރަޕްގެ އިއްތިޙާދަށް އަމާޒުވީ އެގޯއާ ކުރިމަތިލުމުގެ އެއްވެސް ސްޓްރެޓެޖީއެއް ޔޫރަޕްގެ އިއްތިޙާދަށް ނުގެންގުޅުމުގެ އިތުރުން އިޓަލީ އާއި ސްޕޭން ފަދަ ގައުމުތަކަށް އެއިއްތިޙާދުގެ އެހީތެރިކަންވެސް ނުލިބުމުންނެވެ. ކޮވިޑް-19 އާ ގުޅިގެން އެހީތެރިކަމަށް އެދި އިޓަލީ އާއި ސްޕޭނުން އެދުނު އެދުމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑެ ލިޔެން ވަނީ އެކަމުގައި އެ އިއްތިޙާދަށް ކުރެވޭނެ ކަމެއްނެތް ކަމަށްވިދާޅުވެ އެހީތެރިވުމަށް ފަސްޖެހިވަޑައިގެން ބަޔާނެއް ދެއްވާފައެވެ.

ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކަލް
މީގެ އިތުރުން ޔޫރަޕްގެ އިއްތިޙާދުގައި އިސް ދައުރު އަދާކުރާ ޖަރުމަނުން ވަނީ އިޓަލީއާއި ސްޕޭނުން ކޮވިޑް-19 ޖެހިގެން އެތައް ސަތޭކަ ބައަކު މަރުވަމުންދިޔަ އިރު ވެންޓިލޭޓަރު ފަދަ ތަކެތި އެދެގައުމަށް ފޯރުކޮށްދިނުމަށް ވެސް ދެކޮޅު ހަދާފައެވެ. ޖަރުމަނުން އެކަމަށް ދެކޮޅު ހެދީ އެގައުމަށް ބޭނުންވާ މިންވަރަށް ވެސް ވެންޓިލޭޓަރު ނެތްކަމަށް ބުނެފަ އެވެ. ނަމަވެސް ޖަރުމަނުގައި އޭރުވެސް 80 ހާހަށްވުރެ ގިނަ ވެންޓިލޭޓަރު ހުރިކަމަށް ވެއެވެ. އިޓަލީގައި ހުރިކަމަށްވަނީ އެންމެ ތިން ހާސް ވެންޓިލޭޓަރެވެ. ސްޕޭންގައި އެއަށްވުރެވެސް މަދުކަމަށްވެއެވެ.
އެންމެފަހުން އިޓަލީއާއި ސްޕޭނުން ވެންޓިލޭޓަރާއި ސިއްޙީ ރައްކާތެރިކަމުގެ ސާމާނު އަވަސްގޮތަކަށް ހޯދީ ޗައިނާއާއި ރަޝިއާއިންނެވެ. މިމައްސަލާގައި އެދެގައުމުގެ އާންމުންވަނީ ޔޫރަޕްގެ އިއްތިޙާދަށާއި އަދި ޖަރުމަނަށް ނުރުހުމުގެ ބަސްތައް ސޯޝަލް މީޑިއާގައި ރައްދުކޮށްފަ އެވެ.
ކޮވިޑް-19 ޖެހިގެން އިޓަލީން 16 ހާސް މީހުން އަދި ސްޕޭނުން 13 ހާސް މީހުން މަރުވެފައިވާއިރު ޖަރުމަނުން މަރުވެފައި ވަނީ އެންމެ އެއްހާސް އައްސަތޭކަ މީހުންނެވެ. ޖަރުމަނުން އިސްކުރީ އަމިއްލަ އެދުންކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ. (ނޫސްއެޖެންސީތައް)