16 Dec 2011, 12:52
ގެދޮރު އަޅަން، ދިވެހިންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތްތައް ހަދައި ދިނުމަށް ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއަށާއި ރާއްޖޭގެ ބޭންކިން ސެކްޓަރަށް ނައިބު ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.
ނައިބު ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓާ ގެ ފިހާރައެއް ރާއްޖޭގައި ހުޅުވަން ރޭ ބޭއްވެވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޭސް ހާޑްވެއާ ކޯޕަރޭޝަނަކީ، ދުނިޔޭގެ އެކި ޤައުމުތަކުގައި އެ ކުންފުނީގެ ފިހާރަތައް ހުޅުވާފައިވާ އެމެރިކާގެ ކުންފުންޏެކެވެ. މިކުންފުނީގެ ފިހާރައެއް މާލޭގައި ހުޅުވީ، ރާއްޖޭގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ކޯ ލޯޑާ ގުޅިގެންނެވެ.
ނައިބު ރައީސް ވިދާޅުވިގޮތުގައި، މާލޭގެ ބިމުގެ އަގާއި މޯގޭޖް ރޭޓް ބޮޑުވުމުގެ ސަބަބުން، ބިން ވެރިންނަށް އެ ބިންތަކުގައި ޢިމާރާތް ނުކުރެވިފައި ތިބެން ޖެހުމަކީ، ރާއްޖޭގެ އިގުތިސޯދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
އިގުތިސޯދު ކުރިއަރައި، ދެވޭނީ، އަމިއްލަ ފަރުދުންނަށާއި ކުދި ކުންފުނިތަކަށް ލޯނު ލިބޭނެ ގޮތް ފަހިވެގެން ކަމަށާއި މީހުން ޢިމާރާތްކުރަން ފަށާފައިވާ ތަންތަން ނިންމުމަށް އެފަރާތްތަކަށް ސަރުކާރުން ގެރެންޓީއާއެކު ލޯނު ލިބޭނެ ގޮތުގެ އިންތިޒާމް ހަމަޖައްސަން ކެބިނެޓުން މިހާރުވަނީ ނިންމަވާފައި ކަމަށް ވެސް ނައިބު ވިދާޅުވި އެވެ.