07 Apr 2020, 11:28
ބެއިޖިން (އޭޕްރިލް 7): ޗައިނާގައި ކޮވިޑް-19 ޖެހިފައިވާ އެއްވެސް މީހަކު އިއްޔެ މަރުނުވާ ކަމަށް އެގައުމުން ބުނެފި އެވެ.
އެއީ މިދިޔަ ޑިސެމްބަރު މަހު ފެނުނު އާ ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ބަލީގައި މަރުވާ މީހުންގެ އަދަދު ޗައިނާއިން ކޮންމެ ދުވަހަކު އިއުލާން ކުރަން ފެށި ފަހުން، އެބަލީގައި މީހަކު މަރު ނުވާ ކަމަށް ރިޕޯޓު ކުރި ފުރަތަމަ ދުވަހެވެ.
ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނި ގޮތުގައި އިއްޔެ އެގައުމުން 32 މީހަކު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ އެންމެންނަކީވެސް ބޭރު ގައުމުތަކުން އެގައުމަށް ދިޔަ މީހުން ކަމަށް އެކޮމިޝަނުން ބުންޏެވެ.
ޗައިނާއަށް ބޭރު ގައުމުތަކުންދާ މީހުންގެ ފަރާތުން ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުން ވަނީ ބޭރު މީހުންނަށް ޗައިނާގެ ބޯޑަރުތައް ބަންދުކޮށްފަ އެވެ. އަދި ޗައިނާގެ އެއާލައިންތަކަށާއި ބޭރުގެ އެއާލައިންތަކަށްވެސް ކޮންމެ ހަފްތާއަކު އެގައުމަށް ކުރެވޭނީ އެއް އިންޓަނޭޝަނަލް ދަތުރު ކަމަށް ކަނޑައަޅާފަ އެވެ. މީގެ އިތުރުން އެ ފްލައިޓުތަކުގެ ޖާގައިގެ 75 ޕަސެންޓަށް ވުރެ އިތުރަށް މީހުން ނޭރުވުމަށްވެސް ވަނީ އަންގާފަ އެވެ.
ޗައިނާގައި މިހާތަނަށް 81,740 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 3,331 މީހަކު ވަނީ މަރުވެފަ އެވެ. އަދި 77,393 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ޗައިނާގައި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މިހާރު ވަނީ ލުއި ދޭން ފަށާފަ އެވެ. އަދި ވައިރަސް ފުރަތަމަ ފެނުނު ވޫހާން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ލޮކްޑައުންކޮށްފައި އޮތުމަށް ފަހު މާދަމާ ހުޅުވާލަން ވަނީ ހަމަޖެހިފަ އެވެ. ވޫހާން ނިސްބަތްވާ ހޫބެއި ޕްރޮވިންސުވެސް ލޮކްޑައުންގައި އޮތުމަށް ފަހު މިހާރު ވަނީ ހުޅުވާލާފަ އެވެ.