ރާއްޖޭގައި ހުޅުވާ ދުނިޔޭގެ ހަވަނައަށް އެންމެ ބޮޑު ފްރެންޗައިޒް "އޭސް"ގެ ހާޑްވެއާ ޝޯރޫމް ރޭ އިފްތިތާހު ކޮށްފި އެވެ.

ދިވެހި ކުންފުންޏެއް ކަމަށްވާ ކޯލޯޑް މޯލްޑިވްސްއިން ރާއްޖޭގައި ހުޅުވި ޝޯރޫމް ހުންނަނީ މަޝްހޫރު ބޮނޑިބަތް ޕާކް ފުރަގަހުގައި ހުންނަ މ. ސޯސަންމާގޭގަ އެވެ.

އޭސްގެ ހާޑްވެއާ އެންޑް ހޯމް ސެންޓާ ހުޅުވުމަށް ޓްރޭޑާސް ހޮޓެލްގައި ރޭ ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވަމުން ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވީ އޭސް ކަހަލަ ބޮޑު ފްރެންޗައިޒް އެއްގެ ޝޯ ރޫމެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުޅުވިގެން ދިއުމުން ދައްކުވައިދެނީ ރާއްޖޭގެ އިގްތިސާދު ކުރިއަރާފައިވާ މިންވަރު ކަމަށާއި އެފަދަ ޝޯ ރޫމެއް ހުޅުވީތީ ދިވެހިން އުފާކުރަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އަތޮޅު ތަކާއި މާލޭގައި ވަރަށް ގިނަ ގެތަކެއް އަޅާނެ ކަމަށާއި އެފަދަ ދަނޑިވަޅެއްގައި މިކަހަލަ ޝޯރޫމެއް ހުރުން ވަރަށް މުހިއްމު ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"އޭސް ކަހަލަ ބޮޑު ކުންފުންޏަކަށް ރާއްޖޭގައާ އެކު ވިޔަފާރި ކުރާނީ ވަރަށް އުންމީދު ތަކެއް އޮތީމަ. ވަރަށް އިތުބާރު ކުރެވޭތީ. ރާއްޖޭގެ އިގްތިސާދު ކުރިއަރާފައި އޮތް މިންވަރުގެ ހެއްކެއް މިއީ،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ އިތުރުން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޯލޯޑްގެ މެނޭޖިން ޑިރެކްޓާ އައްބާސް މުހައްމަދު ވިދާޅުވީ މިއީ ރާއްޖޭގައި އޭސްގެ ޝޯ ރޫމެއް ހުޅުވޭ ފުރަތަމަ ފަހަރު ކަމަށާއި މާލޭގައި ހުޅުވާ ޝޯރޫމުން ގެދޮރަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ކޮލިޓީ އަދި ބްރޭންޑެޑް މުދާ އަގު ހެޔޮކޮށް ލިބެން ހުންނާނެ ކަމަށެވެ. އަދި ކޯލޯޑުގެ މަގުސަދަކީ ވެސް ދިވެހިން ގެދޮރު އެޅުމަށް ބޭނުންވާ ސާމާނު އަގުހެޔޮކޮށް ލިބޭނެ ގޮތް ހަދައި ދިނުން ކަމަށާއި މިއީ އަދި ފެށުމެއް ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ހެޔޮ އަގެއްގައި ކޮލިޓީ ބްރޭންޑެޑް ސާމާނު ދިވެހިންނަށް ލިބޭ ގޮތްވުން. މިތަނުން ލިބޭނެ އެމެރިކާގެ ބްރޭންޑެޑް ސާމާނުތަށް ގާތްގަނޑަކަށް އެމެރިކާއިން ލިބޭ އަގުގައި،" އައްބާސް ވިދާޅުވިއެވެ.

ރޭގެ އެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޭސްގެ އެ ޝޯރޫމުން ލިބެން ހުންނާނީ ހަމައެކަނި ގެދޮރު އަޅަން ބޭނުންވާ ސާމާނު އެކަނި ނޫން ކަމަށާއި ކުލަ އާއި ދަވާދުގެ އިތުރުން ގެދޮރު ޒީނަތްތެރިކުރަން ބޭނުންކުރާ ސާމާނާއި ކަރަންޓު ސާމާނާއި ބަދިގެ ތެރޭ ބޭނުންކުރާ ސާމާނާއި ބަގިޗާގައި ބޭނުންކުރާ ސާމާނުގެ އިތުރުން ކުޑަކުދިން ކުޅޭ ސާމާނު ވެސް ލިބެން ހުންނާނެ ކަމަށް ކޯލޯޑުން ބުނެއެވެ. އަދި މުޅި އޭޝިޔާގެ ވެސް އަލަށް ހުޅުވި އެ ޝޯރޫމުން ވިއްކާނީ މުޅިންވެސް އެމެރިކާގެ ބްރޭންޑެޑް ސާމާނު ކަމަށާއި އެތަނުން ތަފާތު 16000 ވައްތަރުގެ ކުލަ ވަގުތުން ތައްޔާރު ކޮށްދޭނެ ކަމަށް ވެސް ކޯލޯޑުން ބުނެ އެވެ. ކޯލޯޑުން ބުނީ ޝޯރޫމް ހުޅުވުމުގެ ރަސްމިއްޔާތު ރޭ ބޭއްވިގެން ދިޔަ ނަމަވެސް ޝޯރޫމް އާއްމުކޮށް ހުޅުވާލާނީ މިމަހުގެ 20 ވަނަ ދުވަހުގައި ކަމަށެވެ.

އޭސް ހާޑްވެއާ އަކީ 1924 ވަނަ އަހަރުގައި ހަތަރު ހާޑްވެއާ ފިހާރަ އާއި އެކު ޗިކާގޯގައި ފެށި ވިޔަފާރި އެކެވެ. ނަމަވެސް އެކުންފުނީގެ މެނޭޖްމަންޓުގެ މަސައްކަތާއެކު އަހަރަކަށް ވުރެ އަހަރަކަށް އޭސް ހާޑްވެއާގެ ވިޔަފާރި ފުޅާކުރަމުން ގޮސް މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި އޭސްގެ އައުޓްލެޓްތައް ވަނީ ހުޅުވާފަ އެވެ. އެމެރިކާގެ އެކަނި ވެސް އޭސްގެ 4000 އަށްވުރެ ގިނަ އައުޓްލެޓް ހިންގައެވެ.