މެލޭޝިއާގައި ތިބި ދިވެހިން ގެންނަން ކަނޑައެޅި ފްލައިޓުގެ ޖާގަ ފުލްވެފައިވާ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ބުނެފި އެވެ.

މެލޭޝިއާ އިން ދިވެހިން އަންނަން ޓިކެޓް ނަގަން ހުޅުވާލީ ރޭ 8:00އިން ފެށިގެން މިއަދު ހެނދުނު 9:00 އާ ހަމައަށެވެ.

މިއަދު 6:30 އެހާކަންހާއިރު މޯލްޑިވިއަން ކުރި ޓުވީޓެއްގައި ބުނީ އެ ފްލައިޓުން ޖާގަ ފުލްވުމާއެކު ޓިކެޓް ބުކިންގްސް ނެގުން ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް ކުރިއަށް ވެސް ދަތުރުތަކެއް ރާވާނެ ކަމަށާއި އެ ދަތުރުތައް ހަމަޖެހުނު އެންމެ އަވަހަކަށް އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ.

މާދަމާ ހެނދުނަށް ޝެޑިއުލްކޮށްފައިވާ މެލޭޝިއާ ފްލައިޓުގެ ޖާގަ ފުލްވިކަން އިއުލާނު ކުރުމާ އެކު ސޯޝަލް މީޑިއާގައި ޓިކެޓު ގަންނަން މަސައްކަތްކުރި ގިނަ އަދަދެއްގެ މީހުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މޯލްޑިވިއަން އިން މިހާރު ވަނީ ލަންކާ އަދި އިންޑިއާއަށް ވެސް ފްލައިޓެއް ބާއްވައިފަ އެވެ. އިންޑިއާގެ ކޮޗިންގެ ޓިކެޓެއްގެ އަގަކީ 260 ޑޮލަރެވެ. ލަންކާގެ ޓިކެޓެއްގެ އަގަކީ 300 ޑޮލަރެވެ. އަދި މެލޭޝިއާގެ ޓިކެޓެއްގެ އަގަކީ 330 ޑޮލަރެވެ.