އދ. މާމިގިލިން ދަނޑުވެރިކަމަށް ބިން ދޫކުރަން ނިންމައިފި އެވެ.

މާމިގިލި ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން މާމިގިލީގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރު ކުރުމަށް ކައުންސިލުން އެދޭ ކަމަށެވެ. ކައުންސިލުން ބުނީ ރަށުގައި ބިން ހުރި ނިސްބަތަކުން ބިން ދޫކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އެގޮތުން ރަށުގައި މިވަގުތު ހުސްކޮށް ހުރި ބިންތަކުން އެއްވެސް ކުއްޔަކާ ނުލައި، ހަ މަހުގެ މުއްދަތަށް 4000 އާއި 6000 އަކަފޫޓުގެ 80 ދަނޑު ދޫކުރަން މާމިގިލި ކައުންސިލުން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ބިޑް އުސޫލުން އެރަށުން ދޫކޮށްފައިވާ ދަނޑުތަކުގެ ކުލި ވެސް މި އޭޕްރީލް މަހާއި އަންނަ މެއި މަހު މައާފުކޮށްދޭން ކައުންސިލުން ވަނީ ނިންމައިފަ އެވެ. ކައުންސިލުން ބުނީ އަލަށް ދޫކުރާ ދަނޑުތައް ދޫކުރާނ ބިޑް އުސޫލުން ދޫކުރި ދަނޑުތައް ނުލިބޭ ގެތަކުގެ މެދުގައި ގުރުއަތު ނަގައިގެން ކަމަށެވެ.

އަދި ބިޑް އުސޫލުން ދޫކޮށްފައިވާ ދަނޑުތައް ލިބިފައިވާ ފަރާތްތަކުގެ ދަނޑުތައް ކައުންސިލާ ހަވާލު ކޮށްފި ނަމަ، އަލަށް ދޫކުރާ ދަނޑުތައް ހޯދުމަށް ގުރުއަތުގައި ބައިވެރި ވެވޭނެ ކަމަށް ކައުންސިލުގެ އިއުލާނުގައިވެ އެވެ. އަދި ދޫކޮށްލާ ދަނޑު އަލަށް ދޫކުރާ ދަނޑުތަކުގެ ތެރެއަށް އިތުރު ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

މާމިގިލިން ދަނޑުވެރިކަމަށް ބިން ހޯދުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ދަނޑު ހޯދުމަށް ކޮންމެ ގޭބީސީއަކަށް ވެސް ހުށަހެޅޭނީ އެއް ފޯމު ކަމަށް ކައުންސިލުގެ އިއުލާނުގައިވެ އެވެ.

ކައުންސިލުން ވަނީ މާމިގިލީގައި ހުރި 400 އަށް ވުރެ ގިނަ ފަޅު ގޯތީގައި ވެސް ދަނޑުވެރިކަން ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮރޯނާ އާއި ގުޅިގެން ފުޑް ސެކިޔުރިޓީ ޔަގީން ކުރުމަށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ސަރުކާރުން އިލްތިމާސް ކޮށްފައިވާ އިރު ބައެއް ރަށްރަށުގެ ކައުންސިލްތަކުން ދަނީ އެ ރަށްރަށުގައި ހުރި ހުސްބިންތައް ކުއްޔަކާ ނުލާ ދަނޑުވެރިކަމަށް ދޫކުރަމުންނެވެ.