16 Dec 2011, 11:19
އިސްލާމްދީން ހިމާޔަތް ކުރުމުގެ ގޮތުން ބަޔަކު އަޑު އުފުލާއިރު، ހަގީގީ އަޑަކީ، މީގެ ކުރިން އަމަލު ކުރަމުން ނުދާ ގޮތަކަށް ރާއްޖޭގައި އަމަލު ކުރުމަށް އުފުލަމުންދާ އަޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އާދަވެގެން ކޮންމެ ހުކުރު ދުވަހަކު ދެއްވާ ރޭޑިއޯ ޚިތޯބުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ ދިވެހިން އަނެއްކާ ވެސް މިތިބީ ހަތަރު އަނގޮޅިއެއްގެ މެދަށް ނުކުމެފައި ކަމަށާއި ދީނީ ގޮތުން ރާއްޖޭގައި ޢަމަލުކުރާންވީ ގޮތަކީ ކޮބައިތޯ، މިއަދު ސުވާލުކުރަމުން އަންނަ ކަމަށެވެ. އަދި މީގެކުރީގައި ޢަމަލު ނުކުރާ ގޮތަކަށް މިހާރު ޢަމަލުކުރަން ފެށުމަށް އަޑު އުފުލަމުންދާ އިރު އެއީ އެންމެ ރަނގަޅު ގޮތްތޯ ނުވަތަ ނޫންތޯ ވެސް ނިންމާން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި މިއަދާ ހަމައަށް އަޅުގަނޑުމެން އަމަލުކުރަމުން މިއައި ގޮތްތަށް އެއީތޯ، ރަނގަޅު ގޮތްތަކަކީ ނުވަތަ މިހާރު އަޅުގަނޑުމެންނަށް އަޑު އިވެމުން މިއަންނަ ގޮތްތައްތޯ ރަނގަޅު ގޮތަކީ އެއީ މިވަގުތު އަޅުގަނޑުމެން ނިންމާން ޖެހިފައި އޮތް ނިންމުމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޒަމާނުންސުރެ ދީނީ ކަންކަމުގައި ރާއްޖޭގައި ޢަމަލު ކުރަމުން އައިގޮތް ވަރަށް ސާފުކޮށް ފެންނާން އެބައޮތް ކަމަށާއި މިހާރު ވެސް އަމަލު ކުރަމުންދަނީ އެ ގޮތަށް ކަމަށެވެ. އަދި އެ ގޮތްތައް ކަނޑައަޅަނީ ގާނޫނުއަސާސީ އާއި ގާނޫނުލްއުގޫބާތާއި އަދި އާންމު ގާނޫނުތަކުން ކަމަށެވެ.
"ގާނޫނު އަސާސީގައި ވަރަށް ސަރީހަ އިބާރަތުން ބަޔާންކޮށްފައި މިއޮންނަނީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނޭ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމަށް. ރާއްޖޭގައި ހަދާ ހުރިހާ ޤާނޫނެއް ވެސް، ގަވާއިދެއް ވެސް ހެދިގެން އަންނާން މިޖެހެނީ، އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި މިއަދާ ހަމައަށް ޢަމަލުކުރަމުން އައީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ބައެއް ހުކުމްތަކަށް ދައުލަތުން މަޢާފުދެމުން ކަމަށާއި ޚާއްސަކޮށް ރަޖަމުކުރުމާއި އަތްކެނޑުމާއި ޤަތުލުކުރުން، ފަދަ ބޮޑެތި ޙުކުމްތަކަށް ދައުލަތުން އަބަދު ވެސް ހުރީ، މައާފުދީފައި ކަމަށެވެ. ނަމަވެސް ހައްދު ޖެހުމުގައި ދައުލަތުން މިހާތަނަށް އަމަލުކުރަމުން އައީ އެ އުސޫލުން ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން ރައީސް ވިދާޅުވީ ސަރުކާރު ހިންގާ އެމްޑީޕީން އެދުވަހު ސުލްހަވެރި އެއްވުމަކަށް ނުކުތުމަށް ނިންމިފައި ވަނީ، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ފަށައިގެން އަމަލު ކުރަމުން އައި ގޮތް އެއީ ރަނގަޅު ގޮތް ނޫން ކަމަށް އަޑު އުފުލަމުން އަންނަ ގޮތުގެ ފަރަޤު ސާފު ކޮށްދިނުމަށްޓަކައި ކަމަށާއި އެކަމަށް ގޮތެއް ނިންމަންޖެހޭ ކަމަށެވެ. އަދި ގާނޫނުލްއުގޫބާތު އިސްލާހުވެގެން އަންނައިރު ކަންކަން ކަނޑައެޅިފައި އޮންނަންވީ ގޮތަކީ ކޮބައިތޯ އެހެން ސިޔާސީ ޕާޓީތަކުން ވެސް ރައްޔިތުންނަށް ސާފުކޮށް އަންގައިދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި ޑީއާރުޕީން ވެސް ޕީޕީއެމުން ވެސް އަދި ޖުމްހޫރީ ޕާޓީންވެސް އަދި އެހެން ޕާޓީތަކުން ވެސް އެބޭފުޅުން މިކަމުގައި ގަބޫލުކުރާ ގޮތަކީ ކޮބައިތޯ، އެބޭފުޅުންގެ ފިކުރަކީ ކޮބައިތޯ، އެބަ ރާއްޖޭގެ ރައްޔިތުންނަށް ސާފުކޮށްދެއްވާންޖެހޭ. ހަމައެހެންމެ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީންވެސް އެބަ މިކަންކަން ސާފުކޮށްދޭންޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދީނީ ކަންކަމާ ގުޅޭ ގޮތުން އެމްޑީޕީން ނިންމާފައި އޮތް އެއް ނިންމުމަކީ، ސަރުކާރުން ޢަމަލުކުރާނީ ދީނީ ދަންނަ ބޭކަލުންގެ ހެޔޮލަފާ ނަސޭހަތުގެ މައްޗަށް ބިނާވެގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ޢަމަލު ކުރަމުންދާނީ އެ އުސޫލާ އެއްގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގައި ޤާނޫނުލްޢުޤޫބާތު ނިންމައި، ޤާނޫނުގެ ގޮތުގައި ކަނޑައަޅާން ޖެހޭ ކަމަށެވެ.
"އަޅުގަނޑު އުއްމީދުކުރާނީ، މިފެށޭ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގައި ޤާނޫނުލްޢުޤޫބާތު ނިންމައި، އެއީ، ޤާނޫނުގެ ގޮތުގައި އެބަ ކަނޑައަޅާންޖެހޭ. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، މިކަމުގައި މިހާރު ދެން ލަސްނުކޮށް އަޅުގަނޑުމެންނަށް ގޮތެއް ނިންމައި، އެގޮތަކީ ޤާނޫނުލްޢުޤޫބާތުގައި ކަނޑައެޅޭގޮތްގޮތުގައި ބެލުން،" ރައީސް ވިދާޅުވި އެވެ.