ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ކޮއްކޯފުޅު، ގަލޮޅު ފަހިވާގޭ މުއުމިނާ ޢަބްދުލްޤައްޔޫމް އަވަހާރަވުމާ ގުޅިގެން، ރައީސް މައުމޫނަށާއި އެ އާއިލާއަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މުއުމިނާ އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން ރައީސް މައުމޫނާ މިއަދު ފޯނުން ގުޅުއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެ، ސަރުކާރަށް މުއުމިނާ ކޮށްދެއްވާފައިވާ އިޚްލާޞްތެރި ޚިދުމަތްތައް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

"ސަރުކާރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މޫމިނާ ޢަބްދުލްޤައްޔޫމް އަވަހާރަވި ޚަބަރު އެހީ ހިތާމަޔާ އެކު. މި ހިތާމަވެރި ވަގުތު އާއިލާއަށް ތަޢުޒިޔާ ދަންނަވައި މަރުހޫމާގެ ފުރާނަޔަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުއާ ދަންނަވަން. އާމީން." ރައީސް އިބްރާހިމް ސޯލިހް މިއަދު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

މުއުމިނާ އަވަހާރަވިއިރު އެކަމަނާގެ އުމުރަކީ 79 އަހަރެވެ.

މުއުމިނާ ޢަބްދުލްޤައްޔޫމް ސަރުކާރަށް ފުރަތަމަ ޚިދުމަތް ކުރައްވަން ފަށްޓަވާފައިވަނީ 8 އޭޕްރިލް 1958 ގައެވެ. ފުރަތަމަ އަދާކުރެއްވީ އަމީރު އަޙްމަދުގެ މުދައްރިސާ ކަމުގެ މަގާމެވެ. އޭގެފަހުން، އަމީނިއްޔާ ސްކޫލުގެ މުދައްރިސާކަންވެސް ކުރެއްވިއެވެ. ދެވަނަ ފަހަރަށް ޚިދުމަތް ކުރައްވަން ފަށްޓަވާފައިވަނީ 1 ސެޕްޓެމްބަރު 1987 ގައެވެ.

އޭރު ހަމަޖެއްސެވީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެހީތެރިޔާ ކަމުގެ މަގާމަށެވެ. އޭގެފަހުން، އެ މަރުކަޒުގެ އިސް އެހީތެރިޔާ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަން ކުރައްވާފައިވެއެވެ. މުއުމިނާ ޢަބްދުލްޤައްޔޫމަކީ، ގަލޮޅު އަވަށު އޮފީހުގެ ވެރިޔާގެ އެހީތެރިޔާ ކަމުގެ މަގާމާއި، ވެރިޔާގެ އިސް އެހީތެރިޔާ ކަމުގެ މަގާމާއި، ޑެޕިޔުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، އަދި ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ގަލޮޅު އަވަށުގެ ތަރައްޤީއަށް މުއުމިނާ ވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ. މުއުމިނާއަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގެންފައި ވަނީ އެކެއް ސެޕްޓެމްބަރު 2007 ގައެވެ.