ބޮޑު މުޒާހަރާ ބާއްވަން އުޅޭތީ ރައީސް ނަޝީދު އެކަމާ ބިރުން ނޫޅުއްވާކަމަށާއި އެ ދުވަހު އެމްޑީޕީ އިން ބާއްވާ މުޒާހަރާގައި އެމްޑީޕީއާ އެކު ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާ ޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އަންހެނުންގެ ގޮފިން އިސް ނަގައިގެން މިރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާ އެއްގައި ވާހަކަ ދައްކަވަމުން މޫސާ މަނިކު ވިދާޅުވީ މުޒާހަރާ ކުރާތީ އެކަމާއި ބިރުން ރައީސް ނަޝީދު ރާއްޖޭގައި ނުހުންނަވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދާ ކަމަށާއި އެހެންނަމަވެސް އެ ދުވަހު އެމްޑީޕީން ކުރާ މުޒާހަރާގައި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައި ގަންނަވާނެ ކަމަށެވެ.

"އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނަމުން އެގެންދަނީ ރައީސް ނަޝީދު އުޅެނީ ބޮޑު މުޒާހަރާ ކުރާތީ ބިރުންނޭ. މުޒާހަރާ ކުރާ ދުވަހު ރައީސް ނަޝީދު ރާއްޖޭގައި ނުހުންނަވާނެއޭ. ދަންނަވަންތޯ ޑިސެމްބަރު 23 ވަނަ ދުވަހު އެމްޑީޕީ އިން ބާއްވާ މުޒާހަރާގައި އެމްޑީޕީއާއެކީ ރައީސް ނަޝީދު ހުންނަވާނެ،" މޫސާ މަނިކު ވިދާޅުވި އެވެ.

މުޒާހަރާ ކުރާ ދުވަހު ދައުލަތުގެ ތަކެއްޗަށް ގެއްލުން ލިބިއްޖެނަމަ އެކަމުގެ ޒިންމާ އަދާލަތު ޕާޓީން އުފުލަން ޖެހޭނެ ކަމަށް އިޝާރާތް ކުރައްވާ މޫސަ ވަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ތަރުޖަމާން މުހައްމަދު ޝަހީމް އަލީ ސައީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ދީން ހިމާޔަތްކުރުމަށް ކަމަށް ބުނެ މުޒާހަރާ ބާއްވާ އިރު ސާކް ސަމިޓާއި ގުޅިގެން އައްޑޫ ސިޓީގައި ބެހެއްޓި ބުދު ހިމެނޭ މޮނިއުމަންޓް ތަކަކީ ސާކްގެ ގައުމުތަކުން ބަހައްޓާފައި ހުރި އެއްޗެއް ކަމަށާއި އެކަން ސަރުކާރުގެ ބޮލުގައި ނޭޅުވޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ މޮނިއުމެންޓް ތަކަކީ އަޅުކަން ކުރަން ބަހައްޓާފައި ހުރި އެއްޗެއް ނޫން ކަމަށާއި އެއީ އެގައުމުތަކުގެ ސަގާފަތް ރަމްޒުކޮށް ދިނުމުގެ ގޮތުން ބަހައްޓާފައި ހުރި އެއްޗެއް ކަމަށެވެ.

އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ހައި ކޮމިޝަނަރު ނަވީ ޕިއްލޭ އަށް ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެވޭނެ ގޮތް ހަމަޖެއްސީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެއީ ސަރުކާރުން ކުރިކަމެއް ނޫން ކަމަށް ވެސް އިންތި ވިދާޅުވި އެވެ. އެހެންކަމުން ދީން ހިމާޔަތް ކުރުމަށް ކަމަށް ބުނެ މުޒާހަރާ ކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.