އިންޑިއާގެ ޖީއެމްއާރުން ހިންގާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ ފިހާރަތައް ހުސްކުރުމަށް ދިވެހި ވިޔަފާރި ވެރިންނަށް ނޯޓިސް ދިނުމާ ގުޅިގެން އެމްވީކޭއިން އިންތިޒާމްކޮށްގެން ބޭވި މުޒާހަރާއާ ގުޅުނު ބައިވެރިން އަޑު އުފުލިގޮތައް ކަންތައްތައް ނުވުމުން މުޒާހަރާ ބައިބައިވެ ރޫޅިއްޖެ އެވެ.

"ޖީއެމްއާރް ގޯ ހޯމް"ގެ ނަމުގައި އެމްވީކޭއިން ކުރިއަށްގެންދާ ޖީއެމްއާރާ ދެކޮޅު ކެންޕެއިންގެ ދަށުން މިރޭ ބޭއްވި އެއްވުމުގައި އެމްވީކޭއިން ބާރު އަޅާފައި ވަނީ ޕެޓިޝަނެއްގައި ސޮއި ކުރުމަށެވެ. މިރޭ 9:30 އެހާކަންހާއިރު 50 އަށް ވުރެ ގިނަ މީހުންނާއެކު ފެށި އެއްވުމުގެ އަޑު ގަދަވެގެން ދިޔައީ ސިޔާސީ ޕަޓީތަކުގެ އެކްޓިވިސްޓުން އެމްޑީޕީގެ ސަރުކާރާއި ޖީއެމްއާރާ ދެކޮޅަށް އަޑުއުފުލުމަން ފެށުމުންނެވެ.

އެކްޓިވިސްޓުން އަޑު އުފުލާފައި ވަނީ ޖީއެމްއާރު ރާއްޖެއިން ފޮނުވާލެވޭނީ އެމްޑީޕީގެ ސަރުކާރު ބަދަލުކޮށްގެން ކަމަށެވެ. އަދި ވިޔަފާރީގެ ގޮތުން ރާއްޖެއަށް އަތްގަދަ ކުރި ވޯރާވިޔަފާރިވެރިންގެ ގޮތަށް ޖީއެމްއާރުން ރާއްޖޭގައި ވަކިހިއްޕާލުމުގެ މަލަމަތި ފެންނަމުންދާ ކަމަށް ވެސް އަޑު އުފުލާފައިވެ އެވެ.

މިރޭގެ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްވީކޭގެ ސީއީއޯ އިބްރާހިމް ޝަފީގު (އެމްވީކޭ ޝަފީގު) ވިދާޅުވީ މާލޭ އެއާޕޯޓްގައި ޑިއުޓީ ފްރީ ފިހާރަތަކާއި ބޮންޑެޑްވެއާ ހައުސްތައް ހިންގަން ފެށީ އަމިއްލައަށް ކަމަށާއި ނަމަވެސް މިހާރު ޖީއެމްއާރުން އެއާޕޯޓަށް އަތްގަދަ ކުރަން ފެށުމުން އެތައް މިލިއަން ރުފިޔާއިން އޭނާގެ ވިޔަވާރިއަށް ގެއްލުންވަމުންދާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިން ވަޒީފާއިން ވަކިކުރަންޖެހުނު ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ދޮރު ބަންދުވެފައިވާ ކަމަށް ޝަފީގު ވިދާޅުވި އެވެ. އަދި ބޭރުގެ ބައެއްގެ އަތަށް އެ ފިހާރަތައް ހިންގަން ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް ތަހައްމަލު ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށް ޝަފީގު ވިދާޅުވި އެވެ.

ޝަފީގުގެ ވިޔަފާރިއަށް ލިބުނު ގެއްލުންތަކުގެ ވާހަކަ އެއްވި މީހުންނާ ހިއްސާ ކުރެއްވެވި ފަހުން ވެސް މުޒާހަރާ ލީޑު ކުރީ އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުންނެވެ. އަޑުގަދަ ކުރާ ބޭނުން ކޮށްގެން އެމީހުން ބުނަމުން ގެންދިޔައީ ޖީއެމްއާރާ ދެކޮޅަށް އަޑު އުފުލައިގެން ފުއްދާލެވޭކަން ނެތް ކަމަށާއި ދިވެހިންނަށް އެންމެ މަންފާވާނީ ހުޅުލެއަށް އަރައި ޖީއެމްއާރުގެ އަތް ދަށުން އެތަން އަތުލައިގެން ކަމަށެވެ. ހުޅުލެއަށް އެރުމަށް ތައްޔާރުވުމަށް އެކްޓިވިސްޓުން ގޮވަމުންދަނިކޮށް އެމްވީކޭ ޝަފީގު ވަނީ އެކްޓިވިސްޓުންގެ އަތުން މައިކު އަތުލައިފަ އެވެ.

އެހިސާބުން ޖީއެމްއާރާ ދެކޮޅު ޝިއާރުތައް ލިޔެފައިވާ ޕޯސްޓަރުތަކެއް ހިފައިގެން ތިބި ގިނަ ބަޔަކު އެ ސަރަހައްދު ދޫކޮށްދާން ފެށި އެވެ. އަދި އެމްވީކޭގެ މަގުސަދު އިހުލާސްތެރި ނޫން ކަމަށް ވެސް ގޮވި އެވެ. މުޒާހަރާ ބައިބައިވެ ރޫޅުނީ އެހިސާބުންނެވެ.

މިރޭ 10:30ގައި މުޒާހަރާ ނިންމަވާލައްވަމުން އެމްވީކޭއިން ބުނެފައި ވަނީ ޖީއެމްއާރާ ދެކޮޅަށް ފެށި ހަރަކާތަކީ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތާގައި ވެސް މުޒާހަރާއަށް ނުކުންނާނެ ކަމަށެވެ.

އެމްވީކޭގެ މިރޭގެ އެއްވުމުގައި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި ގައުމީ ޕާޓީގެ ނައިބު ރައީސް އަބްދުލް މަތީންއާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު އަދި ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ ބައިވެރިވެވަޑައިގެންނެވި އެވެ.