24 Jun 2010, 16:55
21:00
އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ކަޓުވާލުމަށް ފަހު ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި އަލަށް ވާދަކުރާ ސްލޮވާކިޔާ ގަދަ ސޯޅައަށް ދަތުރުކޮށްފި އެވެ. މިއީ 1994 ވަނަ އަހަރަށް ފަހު އިޓަލީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތެއްގެ ފުރަތަމަ ބުރުން ކެޓި ފުރަތަމަ ފަހަރެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ސްލޮވޭކިޔާއިން ކާމިޔާބުކޮށްފައި ވަނީ ތިނެއް ދޭކުންނެވެ. މި މެޗުގެ ފުރަތަމަ ދެ ލަނޑު ވެސް ޖަހައިފައި ވަނީ ސްލޮވާކިޔާގެ ހުނަރުވެރި ފޯވަޑް ވިޓެކެވެ. ސްލޮވޭކިޔާގެ ތިން ވަނަ ލަނޑު ޖަހައިފައި ވަނީ 89 ވަނަ މިނެޓްގައި ކޮޕުނެކެވެ. ސްލޮވޭކިޔާގެ ފުރަތަމަ ދެ ލަނޑާ އެކީ އިޓަލީ ހާސްކަމުގެ ތެރެއަށް ދިޔަ ނަމަވެސް 81 ވަނަ މިނެޓްގައި އިޓަލީގެ ޑި ނަޓެއްލި ޖެހި ލަނޑާ އެކު ކުޑަ ހިތްހަމަޖެހުމެއް ޓީމަށް ލިބިގެންދިޔަ އެވެ. ނަމަވެސް ސްލޮވޭކިޔާގެ ތިން ވަނަ ލަނޑާއެކު އަނެއްކާ ވެސް އިޓަލީ އަށް ވަނީ ނުތަނަވަސްކަން ގެނުވައިފަ އެވެ. އެކަމަކު އިތުރު ހިތްވަރާއެކު މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓްގެ ތެރޭގައި އިޓަލީން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްފަ އެވެ.
މެޗުގެ ފަހު ވިހި މިނެޓްގެ ތެރޭގައި އިޓަލީގެ ކުޅުން ވަރުގަދަކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައިވެ އެވެ. ނަމަވެސް މިއިން އެއްވެސް ބޯޅައެއް ސްލޮވޭކިޔާގެ ދާގަނޑަށް ފޮނުވާލައިގެން، ސްކޯ ބޯޑަށް ބަދަލެއް ގެނެވޭ ގޮތެއްނުވި އެވެ.
މެޗަށްފަހު އިޓަލީގެ ކޯޗް މާޗެލޯ ލިއްޕި ބުނެފައި ވަނީ ފުޓްބޯޅައިގައި ނަސީބަކީ ވެސް މެޗަކުން މޮޅުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ އެއްޗެއް ކަމަށާއި މިރޭގެ މެޗުގައި އިޓަލީއާ ނަސީބު އެހީނުވީ ކަމުގަ އެވެ. އަދި މެޗުން ބަލިވުމުގެ ހުރިހާ ޒިންމާ އެއްވެސް އޭނާ އުފުލާ ކަމުގައި ކޯޗު ބުންޏެވެ.
އިޓަލީގެ ޓީމަށް ރަށަށް ދިއުމުން މަރުޙަބާ ކިޔާނީ ޓޮމާޓޯއިން ކަމަށް ވެސް ބައެއް ޚަބަރުތައް ބުނެ އެވެ.
ގްރޫޕް އެފްގައި މިރޭ ނިއުޒިލެންޑާ ޕެރަގުއޭ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ގްރޫޕް އެއްވަނަ ލިބިފައި ވަނީ ފަސް ޕޮއިންޓް ލިބިގެން ޕެރަގުއޭއަށެވެ. ދެވަނަ ހަތަރު ޕޮއިންޓާއެކު ސްލޮވޭކިޔާ ހިއްސާކުރަމުން ދާއިރު ތިންވަނަ ލިބިފައި ވަނީ ނިއުޒިލެންޑަށެވެ. މި ގްރޫޕްގެ އެންމެ ފުލަށް އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ގޮސް، މުބާރާތުން ކެޓުން ވެފައި ވަނީ މި މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ބޮޑު ހައިރާން ކަމަށެވެ.