ދިވެހި ސިފައިންގެ ބައެއް އޮފިސަރުންނާއި އެ ނޫން ރޭންކްތަކަށް މަގާމުގެ ކުރިއެރުން މިއަދު ދީފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދު ބަންޑާރަކޮށީގައި އޮތް ރަސްމިއްޔާތެއްގައި މަގާމުގެ ކުރިއެރުން ލިބުނު އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ހަވާލުކޮށްދެއްވީ ކޯސްޓްގާޑުގެ ކޮމާންޑް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝިޔާމު ކަމަށެވެ. އަދި އެ ނޫން ރޭންކްތަކުގެ ސިފައިންނަށް މަގާމުގެ ކުރިއެރުން ހަވާލުކޮށްދެއްވީ އެ ޔުނިޓްތަކުގެ ކޮމާންޑަރުން ކަމަށެވެ.

މިއަދު މަގާމުގެ ކުރިއެރުން ލިބުނީ ކިތައް އޮފިސަރުންނަށް ކަމާއި އަދި ކިތައް ސިފައިންނަށް ކަމެއް ޑިފެންސް ފޯސްއަކުން ނުބުނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މަގާމުގެ ކުރިއެރުން ލިބުނު ބޭފުޅުން ހުވާ އާކުރެއްވި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި އަހަރު މީގެ ކުރިން ދެ ބުރެއްގެ މަތީން ސިފައިންނަށް މަގާމުގެ ކުރިއެރެރުން ދީފައިވާ ކަމަށާއި މިއީ މި އަހަރުގެ އެންމެ ފަހު ބުރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންނަށް މަގާމުގެ ކުރިއެރުން ދެނީ މާޒީގެ ޕާފޯމަންސަށް ބަލައިގެން ކަމަށާއި ކުޅަދާނަ ގާބިލު ބޭފުޅުންނަށް ކަމަށެވެ.