06 Apr 2020, 12:45
ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ޙިލާފުވުމުން މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާއަށް އަދަބު ދިނުމަށް އެކުލަބުން ނިންމައިފި އެވެ.
އަމިއްލަ ގޭގައި ކަރަންޓީންވެ ތިބުމަށާއި އިތުރު މީހަކާ ކޮންޓެކްޓް ނުވުމަށް ފުޓުބޯޅަ ތަރިންނަށް ވެސް އަންގާފައިވާ އިރު މިހާތަނަށް ޔޫރޮޕުގެ ނަން މަޝްހޫރު ބައެއް ކުޅުންތެރިންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. އަދި އިތުރަށް އެބަލި ފެތުރުމުން ރައްކާތެރިވުމުގެ ގޮތުން ކުލަބުތަކުން ވެސް ވަނީ ހަރުކަށި ގަވާއިދުތަކަކާއި ފިޔަވަޅުތަކެއް އަޅަައިފަ އެވެ.
އެކަމަކު އެންމެ ފަހުގެ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ވޯކާ އެ ގަވާއިދުތަކާއި ޙިލާފުވި މައްސަލައެއް ފެންމަތިވެ މައްސަލަ ބަލަން ފަށާފައިވާ އިރު އެކަމަށް އޭނާއަށް އަދަބު ލިބޭނެ ކަމަށް ސިޓީއިން ވަނީ ބުނެފަ އެވެ. ސިޓީއިން ނެރުނު ބަޔާނެއްގައި އެހެން ބުނީ ވޯކާގެ ގޭގައި އޭނާ ޕާޓީއެއް ބާއްވާ އިތުރު ބަޔަކާ ކޮންޓެކްޓްވިކަން ޔަގީންވުމުން ކަމަށް ބުނެފައިވެ އެވެ.
އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، ފުޓުބޯޅަ ކުޅުންތެރިންނަކީ ދުނިޔޭގެ "ރޯލް މޮޑެލުން" ކަމަށްވެފައި ވޯކާގެ އެ އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސިޓީން ބުނެފައިވެ އެވެ.
ސިޓީގެ ބަޔާނާ އެކު ވޯކާ ވަނީ އޭނައަށް ކުރެވުނު ކުށަށް ކުލަބާއި ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފަ އެވެ.
ޔޫރޮޕުގެ ހުރިހާ ލީގެއް ވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ އިރު ޔޫރޮޕިއަން ޗެމްޕިއަންޝިޕްއާއި މިއަހަރު ބާއްވަން ހަމަޖެހިފައިވާ ޔޫރޯ އަދި ކޮޕާ އެމެރިކާ ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.
އިނގިރޭސިވިލާތުގައި މިހާތަނަށް 47806 މީހުން ވައިރަހަށް ޕޮސިޓިވް ވެފައިވާ އިރު އެބަލި ޖެހިގެން އެގައުމުގައި 4934 މީހުން ވަނީ މަރުވެފަ އެވެ.