06 Apr 2020, 10:11
ލަންޑަން (އޭޕްރިލް 6): ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފި އެވެ.
އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ބުނި ގޮތުގައި ޖޯންސަން އެޑްމިޓުކޮށްފައި ވަނީ "ރައްކާތެރިކަމުގެ ފިޔަވަޅެއްގެ" ގޮތުންނެވެ. އަދި އެއީ އޭނާ ވައިރަހަށް ޕޮޒިޓިވްވިތާ 10 ދުވަސްވީ ފަހުން ވެސް ވައިރަހުގެ އަލާމާތްތައް ފެންނަމުންދާތީ އިތުރު ޓެސްޓުތައް ހެދުމަށް ޓަކަ އެވެ.
"ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް، މިރޭ [ރޭ] ބޮޑުވަޒީރު ވަނީ ޓެސްޓުތަކެއް ހެދުމަށް ހޮސްޕިޓަލްގައި އެޑްމިޓުކޮށްފައި. މިއީ ވައިރަހަށް ޓެސްޓު ކުރިތާ 10 ދުވަސްވި ފަހުންވެސް ބޮޑުވަޒީރުގެ ފަރާތުން ވައިރަހުގެ އަލާމާތްތައް ފެންނާތީ ނެގި ރައްކާތެރިކަމުގެ ފިޔަވަޅެއް،" އިއްޔެ ބޮޑުވަޒީރުގެ އޮފީހުން ބުންޏެވެ.
ޖޯންސަން ވައިރަހަށް ޕޮޒިޓިވްވިކަން އިއުލާން ކުރެއްވީ މިދިޔަ މަހުގެ 27ގަ އެވެ. އެއަށް ފަހު އޭނާ ވަނީ ޑައުނިން ސްޓްރީޓުގައި ހުންނަ އޭނާގެ ފްލެޓުގައި އަމިއްލައަށް އެކަހެރިވެވަޑައިގެންނެވި އެވެ.
ޖޯންސަން ވައިރަހަށް ޕޮޒިޓިވްވުމަށް ފަހު ވެސް ގެންދެވީ އިނގިރޭސިވިލާތުން ކޮރޯނާވައިރަހާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މީޓިންތަކުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގަންނަވަމުންނެވެ. އަދި އޭނާ ވަނީ ގައުމުގެ ރައްޔިތުންނާ ވީޑިއޯ މެސެޖުތަކެއް ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން މިދިޔަ ހުކުރު ދުވަހު ހިއްސާ ކުރެއްވި މެސެޖެއްގައި ޖޯންސަން ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި ނަމަވެސް އަދި ވެސް ހުން ހުރި ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޖޯންސަންގެ ލޯބިވެރިޔާ ކެރީ ސިމަންޑްސް ވަނީ އޭނާގެ ފަރާތުން ވެސް ކޮވިޑް-19ގެ އަލާމާތްތައް ފެންނަތާ ހަފްތާއެއް ވެއްޖެ ކަމަށާއި ނަމަވެސް އޭނާގެ ހާލު ރަނގަޅުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ. މިދިޔަ ފެބްރުއަރީ މަހު ޖޯންސަން އާއި ސިމަންޑްސް ވަނީ އެ ދެ ބޭފުޅުންނަށް ދަރިކަލަކު ލިބިވަޑައިގަންނަވަން އުޅުއްވާކަން ހާމަ ކުރައްވާފަ އެވެ.
އިނގިރޭސިވިލާތުގައި މިހާތަނަށް 48،400އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ އޭގެ ސަބަބުން 4،943 މީހަކު ވަނީ މަރުވެފަ އެވެ.