ކުދިކުދި ތަންކޮޅުތަކުގައި ތޮއްޖެހި ދިރިއުޅެމުންދާ ބިދޭސީން ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް އެމަޖެންސްސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އަމިއްލަ ގައުމަށް އެނބުރި ދިޔުމަށް ބޭނުންވާ ބިދޭސީން ފޮނުވާލުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ. ހަމައެހެންމެ ތޮއްޖެހިފައިވާ ތަންތާންގައި ދިރިއުޅޭ ބިދޭސީން ވަކި ކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އެ ތޮއްޖެހިފައި ތިބި އެންވައިރުމެންޓް ބަދަލުކުރުމަށް. ކިހިނެއްތޯ އޭގެ ތެރެއިން ބަޔަކު އެހެންތަނަކަށް ބަދަލުކުރަން އެހެން ފެސިލިޓީތަކަކަށް އޭގެ ތެރެއިން ބައެއްގެ އެކޮމެޑޭޝަން ވަގުތީ ގޮތުން ހަމަޖެއްސުމަށް،"

އެ މަސައްކަތް އިކޮނަމިކް މިނިސްޓްރީން ކުރަމުން އަންނަ ކަން މަބްރޫކް ފާހަގަ ކުރެއްވި އެވެ. އޭގެ ތަފްސީލް އެ މިނިސްޓްރީން ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ގެންދިޔުމަށް އެހީތެރިވާން ދިވެހި ސަރުކާރުން ބަންގްލަދޭޝް ސަރުކާރުގައި މިއަދު ވަނީ އެދިފަ އެވެ.

އެގޮތުން ސަރުކާރުގެ ޚަރަދުގައި 300 އަށް ވުރެ ގިނަ ބިދޭސީން ގައުމަށް އެނބުރި ދިއުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮނުވަން އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު 200،000 އަށް އަރާނެ އެވެ. އަދި އޭގެ ތެރެއިން 63،000 އަށް ވުރެ ގިނަ ބިދޭސީންނަކީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން 31،000 އަށް ވުރެ ގިނަ ބިދޭސީން މިހާތަަނަށް ވަނީ ރަޖިސްޓްރީވެފައެވެ.