ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން އަވަށްޓެރި ސްރީލަންކާ އިން ރާއްޖެ ނާދެވިފައިތިބި ދިވެހީން ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބާއްވާ ޗާޓާޑް ފްލައިޓުން އަންނަ މީހަކަށް ތިން ސަތޭކަ ޑޮލަރު (4626ރ) ނެގުމަށް ނިންމައިފި އެވެ.

މޯލްޑިވިއަން އިން ވަނީ އެކަން 'ސަން' އަށް ކަށަވަރު ކޮށްދީފަ އެވެ.

ލަންކާގައި ތިބި ދިވެހީން ގެނައުމަށް މޯލްޑިވިއަން އިން މިއަދު ދެ ދަތުރު ކުރުމަށް ވަނީ ހަމަ ޖެހިފަ އެވެ. އެ ދެ ދަތުރުން 100 މީހުން ގެނެވޭނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.

ލަންކާ އަކީ މީގެ ކުރިން މޯލްޑިވިއަން އިން ދަތުރުކުރާ ގައުމެއް ނޫނެވެ. އެހެން ކަމުން އަލަށް ދަތުރުކުރާ ގައުމަކަށް ވުމުން ގްރައުންޑް ހޭންޑްލިންއަށް ދައްކަން ޖެހޭ ޓެކްސް އިތުރުވާނެ އެވެ.

ލޮކްޑައުން ކޮށްފައި އޮތުމުގެ ސަބަބުން ސްރީލަންކާ އަދި އިންޑިއާއިން ނާދެވިފައި ތިބި ދިވެހީން ރާއްޖެ ގެނައުމުގައި އިސްކަން ދޭނީ އެންމެ ބޮޑަށް ހާލުގައި ޖެހިފައި ތިބި މީހުން ފުރަތަމަ ގެނައުމަށް ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ.

އިންޑިއާގެ ކޮޗިންގައި ތިބި ދިވެހީން ގެނައުމަށް ބާއްވާ ފްލައިޓް އޮންނާނީ މާދަމާ އެވެ. ކޮޗިންއަށް އެއް ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު 200 މީހުން ގެނެވޭނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.

ކޮލޮމްބޯ އާއި ކޮޗިންގެ އިތުުރުން އެހެން ސިޓީތައް އަދި އެހެން ގައުމުތަކުގައި ވެސް ތިބި ދިވެހީން ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ބިރު ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރާއްޖެ އިން ބޭރުގައި ތިބި ދިވެހީން ރާއްޖެ ގެނައުމުގައި، ޕަސެންޖަރުންނާއި ކުރޫއިންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް މޯލްޑިވިއަން ބުނެއެވެ. އަދި އެޗްޕީއޭގެ ގައިިޑްލައިނާ ޚިލާފަށް މޯލްޑިވިއަން އިން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.