ބޮޑު މުޒާހަރާގެ ވެބްސައިޓް ފަރުމާކުރި، ދިއިސްލާމްގެ އެގްޒެކްޓިވް އެޑިޓަރު އަލީ އަހުސަން ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފި އެވެ.

އޭނާ ދުކޮށްލުމަށް އަމުރު ކުރި އިރު، ދީނީ މިނިވަން ގޮވާލައި މިދިއަ ހޮނިހިރު ދުވަހު މުޒާހަރާ ކުރި ގ. ޕާކަރުގޭ އިސްމާއީލް ހިލްއަތު ރަޝީދުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ވެސް މިރޭ ވަނީ ކްރިމިނަލް ކޯޓުން ފުލުހުންނަށް ހުއްދަ ދީފަ އެވެ.

ހަވީރު ނޫހުގެ ކުރީގެ އެކްޓިން އެޑިޓަރު ހިލްއަތުގެ ބަންދަށް 10 ދުވަސް ކޯޓުން މިރޭ ޖަހައިދިނެވެ. ހިލްއަތުގެ މުއްދަތު އިތުރުކުރީ އޭނާގެ ބޮލޮގްގައި އެހެން ދީންތަކަށް ގޮވާލާފައި ނުވާނެ ކަމަށް ޝަރީއަތުގައު ބުނެފައި ވަނިކޮށެވެ.

އަހުސަން، 15 ދުވަހަށް ބަންދުގައި ބެހެއްޓުމާއި މެދު ގޮތެއް ނިންމުމަށް މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ބުނީ ބޮޑު މުޒާހަރާގެ ވެބްސައިޓްގައި ލިޔުމެއް ޝާއިއު ކުރެވޭނީ ހަމައެކަނި އަހުސަނަށް ކަމަށް އޭނާގެ ބަހުން އެނގޭ ކަމަށެވެ. އަދި ބުނީ އޭނާ އެ ވެބްސައިޓްގައި މީހުން މެރުމަށް ގޮވާލައި ދީނީ ގޮތުން ހަރުކަށި ލިޔުންތއް ލިޔެފައިވާ ކަމަށާއި އެ ވެބްސައިޓްގައި ލިޔުންތައް ލިޔެފައި ވަނީ އޭނާގެ ޔޫޒާ ނަން ބޭނުން ކޮށްގެން ކަމަށެވެ.

އޭނާ އަކީ ދީނީ އެއްބައިވަންތަކަށް ނަގާލުމަށް މަސައްކަތް ކުރަމުން ގެންދާ މީހެއް ކަމަށާއި އޭނާ ބަންދުން ދޫކޮށްފިނަމަ މީހުންގެ ފުރާނައަށް ގެއްލުން ލިބިދާނެތީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭކަމަށް ވެސް ބުންޏެވެ.

އަހުސަންގެ ގާނޫނީ ވަކީލުން ވިދާޅުވީ އެ ވެބްސައިޓްގައި އަހުސަންގެ ޔޫޒާ ނަން ބޭނުންކޮށްގެން ލިޔުންތައް ލިޔެފައިވަނީ އެ ސައިޓް ބަޔަކު ހެކުކޮށްގެން ކަމަށެވެ. އަދި އޭނާ ވަނީ އެ ސައިޓް ހެކްކޮށްފައި ވަނިކޮށް ނަގާފައިވާ ސްކްރީން ޝޮޓްތައް ވެސް ޝަރީއަތަށް ހުށަހަޅާފަ އެވެ.

ނަމަވެސް ފުލުހުން ބުނީ އެސައިޓް ތަހުގީގު ކުރުމުގެ ތެރޭގައި ވެބްސައިޓް ހެކްކޮށްފައިވާ އަލާމާތްތަކެއް ފެންނަން ނެތް ކަމަށެވެ.

ފުލުހުންނަށް ރައްދުދެއްވަމުން އަހުސަންގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ފުލުހުން އަހުސަން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނާއި ޚިލާފަށް ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން ތުހުމަތުކޮށް ބަލަމުންދާ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން އަހުސަން އޭނާގެ މިލްކިއްޔާތުގައި ހުރި ހުރިހާ މުދަލެއް ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށާއި އަދި އޭނާ ފުލުހުންނަށް އެއްވެސް ނުކިޔަމަން ތެރިކަމެއް ދައްކާފައި ނުވާތީ އޭނާ ތަހުގީގަށް ބަންދުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.