މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި މިނެއްގައި ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން މަޝްހޫރު ލަވަކިޔުންތެރިޔާ ނަޔަލް ހޯރަންގެ ޓުއާ ފަސްކޮށްފި އެވެ.

ކުރީގެ މަޝްހޫރު ބޭންޑް "ވަން ޑިރެކްޝަން"ގެ ތަރި ނަޔަލް ހޯރަންގެ އެ ޓުއާ އަކީ މިދިޔަ މަހު ނެރުނު އަލްބަމް "ހާޓްބްރޭކް ވެދާ" ޕްރޮމޯޓްކުރަން ރޭވި ޓުއާއެކެވެ. އެ ޓުއާ އަންނަ އަހަރަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނަޔަލް އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މިދުވަސްވަރަކީ ޓުއާ ބޭއްވުން އެންމެ އެކަށީގެންވާ ދަނޑިވަޅެއް ނޫން ކަމަށާއި މިވަގުތު އެންމެ އިސްކަމެއް ދޭންޖެހެނީ ސިއްހަތަށް ކަމަށެވެ. އޭނާ ބުނީ ޓިކެޓް ގަތް ހުރިހާ ފަރާތްތަކަށް ރީފަންޑު ލިބިގެންދާނެ ކަމަށެވެ. މިދުވަސްކޮޅު އޭނާ ބޮޑަށް ސަމާލުކަންދޭނީ ލަވަ ރިކޯޑު ކުރުމަށާއި ލަވަ ލިޔުމަށް ކަމަށް ވެސް އޭނާ އިންސްޓަގްރާމްގައި ބުނެފައިވެ އެވެ. އަދި އަންނަ އަހަރު ޓުއާ ބާއްވާއިރު މާ ގިނަ ލަވަތަކަކާއެކު ހުރިހާ އެންމެންނާ ބައްދަލުކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ނަޔަލްގެ ޓުއާ ބާއްވަން ހަމަޖެއްސީ ޔޫރަޕް، އުތުރު އެމެރިކާ، އޯޝަނިއާ އަދި ލެޓިން އެމެރިކާ އެވެ. ނަޔަލްގެ އަލްބަމުގައި ޖުމްލަ 16 ލަވަ ހިމެނެ އެވެ.