ކޮވިޑް-19 އަށް އިތުރަށް ތައްޔާރުވުމާ ބޭނުންވާ އެހީތެރިކަމާ ގުޅޭ ގޮތުން ދެކުރު އިރުމަތީ އޭޝިއާ ސަރަހައްދުގެ 11 ގައުމުގެ ސިއްހަތާބެހޭ ވަޒީރުންގެ މެދުގައި، ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑައިރެކްޓަރު ޕޫނަމް ކެތްރަޕާލް ސިންގް އިސްވެ އިންނަވައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

މި މަހުގެ ދެވަނަ ދުވަހު އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ބައިވެރިވެވަޑައިގަތެވެ.

އެ ބައްދަލުވުމުގައި ދެކުރު އިރުމަތީ އޭޝިއާ ސަރަހައްދުގައި ބަލި ފެތުރުނަ ނުދިނުމަށް ސަރުކާރުތަކުން ކުރަމުން އަންނަ މަސައްކަތް ވަނީ ހިއްސާކޮށްފަ އެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވަނީ މިފަދަ ކޮންމެ ހާލަތެއްގައި ސަރަހައްދުގެ ގައުމުތަކުގެ ފަރާތުން ރާއްޖެއަށް އެކިގޮތް ގޮތުން އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް ހުރިހާ ގައުމަކަށް ޝުކުރުއަދާކުރައްވައިފަ އެވެ.

އަދި ރާއްޖޭގެ މިހާރުގެ ހާލަތު ބަޔާންކޮށްދެއްވައި، ކޮވިޑް-19އާ ގުޅިގެން ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތައް މިނިސްޓަރު ވަނީ ހިއްސާކޮށްދެއްވައިފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ޑަބްލިޔުއެޗްއޯގެ ހެޑްކުއާޓާސްގައި ކޮވިޑް-19ގެ މަސައްކަތުގައި އުޅުއްވާ ފަންނީ ބޭފުޅުން ބައިވެރިވެ ވަޑައިގެން، އެފަރާތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

އަދި މިހާރު ކޮވިޑް-19 އަށް ހުރިހާ ގައުމުތަކަކުން ވެސް އިތުރަށް ތައްޔާރުވެ، އެކަންކަމާ ގުޅޭ ގޮތުން އިތުރު އެހީތެރިކަމެއް ބޭނުންވާ ނަމަ، އެކަމާ ގުޅޭގޮތުން މަޝްވަރާކޮށް، ޑަބްލިޔުއެޗްއޯގެ ލަފާ ގައުމުތަކަށް އަރުވާފައިވެ އެވެ.

ބައްދަލުވުން ނިންމަވާ ލައްވަމުން ޑަބްލިޔުއެޗްއޯގެ ފަރާތުން ކޮވިޑް-19ގެ ބަލިމަޑުކަން އިތުރަށް ފެތުރުނަ ނުދިނުމަށާއި އެކަމުން ރައްކާތެރިވުމަށް ބޭނުންވާ އެންމެހާ ކަންކަމުގައި އެހީތެރިވެދެއްވާނެކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.

އެގޮތުން ބަލި ދެނެގަތުމަށް ބޭނުންވާ ޓެސްޓު ކިޓްތަކާއި، ރީއެޖެންޓްސް އަދި ފަރުވާދިނުމަށް ބޭނުންވާނެ އާލާތްތައް އަވަސް މުސްތަގުބަލެއްގައި ގައުމުތަކަށް ފޮނުވައިދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.