05 Apr 2020, 13:50
ކޮލަމްބޯ (އޭޕްރިލް 5): ސްރީލަންކާގެ ތޮއްޖެހިފައިވާ ޖަލުތަކުގައި ކޮރޯނާވައިރަސް ފެތުރިދާނެތީ އެގައުމުން ކަފާލާތުގެ ދަށުން 2،961 ގައިދީން ދޫކޮށްލައިފި އެވެ.
ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވިދާޅުވި ގޮތުގައި ފާއިތުވި ދެ ހަފްތާގެ ތެރޭގައި އެގައުމުން ދޫކޮށްލާފައިވާ 2،961 ގައިދީންނަކީ ކުދި ކުށްތަކުގެ ސަބަބުން މުއްދަތު ޖަހާފައިވާ މީހުންނާއި ޖަލު ހުކުމުގެ ބޮޑު ބައެއް ތަންފީޒު ކުރުމަށް ފަހު ކަފާލާތަށް ފައިސާ ދެއްކެން ނެތުމުން ޖަލުގައި ތިބި މީހުންނެވެ. އަދި އެމީހުން ދޫކޮށްފައި ވަނީ ބާ އެސޯސިއޭޝަން އޮފް ލަންކާ އާއި ޖަސްޓިސް މިނިސްޓްރީ އާއި ޕްރިޒަންސް ޑިޕާޓްމެންޓުގެ މާހިރުން ހިމެނޭ ކޮމިޓީއަކުން ދިން ލަފަޔާ އެއްގޮތަށެވެ.
ރައީސް ގޯޓާބަޔަ ވިދާޅުވި ގޮތުގައި އެމީހުން މިނިވަންކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ރައީސް ޖަލަށް ޒިޔާރަތް ކުރައްވާ، ގައިދީންނާ ބައްދަލުކުރެއްވުމަށް ފަހުގަ އާއި މިހާރު ކޮރޯނާވައިރަސް ފެތުރެމުންދާތީ ޖަލުތަކުގައި ތޮއްޖެހުން ކުޑަ ކުރުމަށްޓަކަ އެވެ.
ލަންކާގެ ޖަލުތަކުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުން ވަނީ ޖަލުގައި ތިބި މީހުންނަށް ބޭރުން މީހުން ޒިޔާރަތް ކުރުން ވަގުތީ ގޮތުން ހުއްޓުވާފަ އެވެ. އޭގެ ސަބަބުން އެގައުމުގެ އަނޫރާދަޕުރަޔަ ޖަލުގައި މިދިޔަ މަހުގެ 21ގައި ގައިދީން މުޒާހަރާކޮށް ހިނގި ހަމަނުޖެހުމެއްގައި ދެ ގައިދީން މަރުވެ، ހަ މީހަކަށް އަނިޔާވެފައިވެ އެވެ.
ލަންކާގެ ގައިދީންގެ ހައްގުތަކަށް މަސައްކަތް ކުރާ ކޮމިޓީ ފޯ ޕްރޮޓެކްޓިން ރައިޓްސް އޮފް ޕްރިޒަނާސްއިން ބުނި ގޮތުގައި ގައިދީން މުޒާހަރާކޮށްފައި ވަނީ ޖަލުގައި ތޮއްޖެހިފައިވުމުންނާއި ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުންނެވެ. އެޖަމްއިއްޔާއިން ބުނި ގޮތުގައި ލަންކާގެ ޖަލުތައް އޮންނަނީ ފުރިބާރުވެފަ އެވެ. އެގޮތުން އެންމެ 800 މީހުން ތިބެން ހަދާފައިވާ ޖަލުތަކުގައި ބައެއް ފަހަރު 5،000 ގައިދީން ހައްޔަރުކޮށްފައި ތިބެ އެވެ.
ލަންކާއިން މިދިޔަ ޖެނުއަރީ މަހު ކޮރޯނާވައިރަސް ފެނުނު ފަހުން އެގައުމުގެ 166 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން ފަސް މީހަކު ވަނީ މަރުވެފަ އެވެ.
ލަންކާ އިން ވައިރަސް ފެތުރުން ހުއްޓުވުމަށް ޓަކައި އެގައުމުގައި ކާފިއު އިއުލާންކޮށް، ސްކޫލުތަކާއި ޔުނިވާސިޓީތައް ވަނީ ބަންދުކޮށްފަ އެވެ. އަދި އެގައުމަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން މީހުން އެތެރެވުން ވަނީ މަނާކޮށްފަ އެވެ.