ބޯޓް ޖައްސާ އިރު އެންމެ ރީތި މަންޒަރެއް ފެންނަ ދުނިޔޭގެ ފަސް ވަނަ އެއާޕޯޓަކަށް އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހޮވައިފި އެވެ.

އަމިއްލަ މަތިންދާބޯޓުތައް ކުއްޔަށް ދޫކުރާ ޔޫކޭގެ ނެޓްވޯކެއް ކަމަށްވާ "ޕްރައިވެޓް ފްލައި ޑޮޓް ކޮމް" އިން މަތިން އެންމެ ރީތި 10 އެއާޕޯޓު ހޮވުމަށް އޮންލައިންކޮށް ބޭއްވި ވޯޓުލުމެއްގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ބޭރުދުނިޔޭގެ 78 އެއާޕޯޓެއް ވަނީ ނޮމިނޭޓްކޮށްފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހު 11 ވަނަ ދުވަހުން ފެށިގެން ފާއިތުވި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހާ ހަމަޔަށް ވޯޓުލުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ޕައިލެޓުންނާއި ޓްރެވެލް ފޭންސް އަދި ސޯޝަލް ނެޓްވޯކްތައް ބޭނުންކުރާ ފަރާތްތަކުން ބައިވެރިވެ، ވޯޓްލާފައިވާ ކަމަށް ޕްރިވެޓް ފްލައި އިން ބުނެ އެވެ.

ރާއްޖޭގެ އެއާޕޯޓަށް ވޯޓުލި ބޭރުގެ ފަރާތަކުން ކުރި ކޮމެންޓެއްގައި ބުނީ އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓަށް ބޯޓް ޖައްސާ އިރު ކޯމަސް ފުއްމާތަނާއި ވެލާ ފަދަ އެއްޗެހި ވެސް ފެންނަ ކަމަށެވެ.

ވިއު ރީތި ފަސް ވަނަ އެއާޕޯޓަކަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހޮވުނު އިރު އެއްވަނަ އަށް ހޮވިފައި ވަނީ ސްކޮޓްލޭންޑްގެ "ބައްރާ" ނަމަކަށް ކިއާ އެއާޕޯޓެވެ. ގަދަ ދިހައެއްގައި ގިނަ އިން ހިމެނިފައި ވަނީ އިނގިރޭސިވިލާތުގެ އެއާޕޯޓުތަކެވެ.