ލޮކްޑައުން ކޮށްފައި އޮތުމުގެ ސަބަބުން ސްރީލަންކާ އަދި އިންޑިއާއިން ނާދެވިފައި ތިބި ދިވެހީން ރާއްޖެ ގެނައުމުގައި އިސްކަން ދޭނީ އެންމެ ބޮޑަށް ހާލުގައި ޖެހިފައި ތިބި މީހުން ފުރަތަމަ ގެނައުމަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރު ކުރުން ހުއްޓާލާފައިވާ ލަންކާގެ ކޮލަމްބޯ އަށާއި އިންޑިއާގެ ކޮޗިންއަށް މޯލްޑިވިއަންގެ ފްލައިޓުތަކެއް ފޮނުވަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު މިރޭ ވިދާޅުވީ، އެ ދެ ގައުމުން ރާއްޖެއަށް ދިވެހިން ގެނައުމުގައި އެންމެ ބޮޑަށް އިސްކަން ދޭނީ ކުރު ދަތުރުތަކުގައި ގޮސް ނާދެވި ހާލުގައި ޖެހިފައި ތިބި މީހުން ފުރަތަމަ ގެނައުމަށް ކަމަށެވެ.

"އެމްބަސީތަކުން މަސައްކަތް ކުރާނީ މޯލްޑިވިއަންއާ އެކީގައި. މިކޮޅަށް އައުމުގައި އެންމެ ބޮޑަށް ހާލުގައި ޖެހިފައިވާ ނުވަތަ ގޮތެއް ނެތް މީހުންތައް ގެނައުމަށް. މިސާލަކަށް ބުންނަންޔާ ވަގުތީ ދަތުރެއްގައި ބޭސްކުރަން ގޮސްސަ ހުރި މީހާ އޭނާ މިކޮޅަށް އަންނަން. އޭނަ ހުންނަ ހާލު މާ ގޯސް އެތާނގެ ދިރިއުޅޭ އާއިލާއަކަށް ވުރެން،" މަބްރޫކް ވިދާޅުވި އެވެ.

ނަމަވެސް އޭގެ މާނައަކީ އެ ދެ ގައުމުގައި ދިރިއުޅޭ އާއިލާއެއް ހާލުގައި ޖެހިފައި ނެތުން ނޫން ކަން މަބްރޫކް ފާހަގަ ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، ލަންކާގެ ކޮލަމްބޯއަށް ދަތުރުކުރާ ބޯޓަކީ ފަންސާސް މީހުންގެ ޖާގައިގެ ބޯޓެއް ކަމަށާއި އިންޑިއާގެ ކޮޗިންއަށް ދަތުރުކުރާ ބޯޓުގެ ޖާގަ އަކީ 200 ކަމަށެވެ.

"މިވަގުތަށް ބަލާއިރު ލަންކާ އިން 100 މީހުން މާދަމާ ގެނެވޭނެ އެއީ ދެ ދަތުރުން. ދެން ހައެއް އޭޕްރީލްގައި ކޮޗިން ދަތުރުން 200 މީހުން މިކޮޅަށް ގެނެވޭނެ. އަޅުގަނޑުމެންގެ ބޯޓުތަކުގައި ޖާގަ ހުރި މިންވަރަކުން ގެނެވޭނެ،" މޫސަ ވިދާޅުވި އެވެ.

ކޮލޮމްބޯ އާއި ކޮޗިންގެ އިތުުރުން އެހެން ސިޓީތައް އަދި އެހެން ގައުމުތަކުގައި ވެސް ތިބި ދިވެހީން ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަން މޫސަ ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ބިރު ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރާއްޖެ އިން ބޭރުގައި ތިބި ދިވެހީން ރާއްޖެ ގެނައުމުގައި، ޕަސެންޖަރުންނާއި ކުރޫއިންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި އެޗްޕީއޭގެ ގައިިޑްލައިނާ ޚިލާފަށް މޯލްޑިވިއަން އިން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން މުސަ ވަނީ ދެއްވާފަ އެވެ.