ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނުމުން ވ. ކެޔޮދު އިން ޓެސްޓް ކުރި މީހާ އެ ބައްޔަށް ނެގެޓިވް ވުމުން އެ ރަށް ހުޅުވާލައިފި އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ވ. ކެޔޮދޫ އިން އަލާމާތްތައް ފެނުނު ދިވެހި މީހާ، ޑަބަލް ނެގެޓިވް ވުމުން އެ ރަށް ހުޅުވާލާފައިވާ ކަމަށެވެ.

ވ. ކެޔޮދޫއަކީ ގެސްޓުހައުސްތައް ގިނަ ރަށެކެވެ. އެގޮތުން އެރަށުން އަލާމާތްތައް ފެނުނީ ގެސްޓްހައުސްއެއްގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި އުޅުނު މީހެއްގެ ހަށިގަނޑުންނެވެ.

މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 17 މީހުންނެވެ.

ޕޮޒިޓިވްވެ ރާއްޖޭގައި ތިބި 17 މީހުންގެ ތެރެއިން 13 ބިދޭސީއަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ. މިހާރު ފަރުވާދެމުން އަންނަނީ އިނގިރޭސީވިލާތުން އައި ހަތަރު ދިވެހީންނަށެވެ. އެމީހުން ޕޮޒިޓިވްވިއިރު، އެމީހުން ތިބީ ރާއްޖެ އަނބުރާ އައިތަނުން ކަރަންޓިނުކޮށްފައެވެ.