އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން މުޅި ރާއްޖޭގައި އިމާރާތްކުރާ 10000 ހައުސިން ޔުނިޓްގެ ތެރެއިން 8000 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިގެން ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ވެށިފަހި ޕްރޮގްރާމްގެ ދަށުން އަންނަ އާދީއްތަ ދުވަހު ފްލެޓް ލިބޭ ފަރާތްތައް ބަލަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަބޫދާބީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ގާކޮށީގައި އަޅުމުންދާ ފްލެޓްގެ މަސައްކަތް ބަލައްލަވާލެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގައި އަޅަމުން އަންނަ 800 ހައުސިން ޔުނިޓްގެ މަސައްކަތުގެ ބޮޑުބައެއްގެ މަސައްކަތް ފަށައި، ކުރިއަށްދާ ކަމަށެވެ. އަދި ވެށި ފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ލިބޭ މީހުންގެ ނަތްތަކާއި އެ ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު އަންނަ އާދިއްތަ ދުވަހު ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ވެށި ފަހި ޕްރޮގްރާމްގެ ދަށުން އިއުލާން ކުރާ ނަންތަކުގެ ތެރޭގައި ހުޅުމާލޭގައި އަޅާ 1500 ފުލެޓް ލިބޭ މީހުންގެ ވެސް ހިމެނެ އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ އަހުމަދު ފާއިޒް މިއަދު ވިދާޅުވީ މާލެ ސަރަހައްދުގައި އަޅާ ފުލެޓްތަކުގެ ތެރެއިން އެންމެ އަވަހަށް ނިންމާލެވޭނީ ހުޅުމާލޭގައި އަޅާ 300 ހައުސިން އުނިޓް ކަމަށެވެ. އަދި ގާ ކޮށީގައި އަޅާ ފުލެޓްގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ފާއިޒު ވިދާޅުވި އެވެ.

"މާލޭގައި 800 ހައުސިން ޔުނިޓް އެޅުމަށް ތައްޔާރުވަމުން މިދަނީ. މި ޕްރޮޖެކްޓްގެ ދަށުން މާލޭގައި 350 ފުލެޓް އެޅޭނެ. އެއީ ފުރަތަމަ ފޭސްގައި. ދެން 400 ފުލެޓްގެ މަސައްކަތް ކޮންޓްރެކްޓްގައި ސޮއިކުރުމަށް ފަހު މިހާރު ކުރިއަށް ދަނީ. އެއީ މާލޭގެ ތިން ސައިޓެއްގައި،" ފާއިޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ދަށުން އަޅާ 10000 ހައުސިން ޔުނިޓް ވެސް ހަދަނީ ތިން ކޮޓަރީގެ އެޕާޓްމަންޓްގެ ގޮތުގައި ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.