މިއަދު މާލޭ ސިޓީގައި ކާފިއު ކުރިއަށްގެންދިޔަ ގަޑީގައި ބޭރަށް ނުކުމެ އުޅުނު 141 މީހަކަށް ފުލުހުން ނަސޭހަތް ދީފި އެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލޭ ސިޓީގައި ވަކި މުއްދަތެއް ނެތް ގޮތަށް ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކާފިއު ހިންގަން ވަނީ ނިންމާފައެވެ.

މިއަދަކީ މާލޭ ސިޓީގައި ކާފިއު ހިންގާތާ ތިން ވަނަ ދުވަހެވެ. ފުލުހުން ބުނީ މިއަދު މަގުމައްޗަށް ނުކުމެ އުޅުނު 141 މީހަކަށް ނަސޭހަތްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 114 ދިވެހީންނާއި 22 ބިދޭސީންނެވެ.

މިއަދު ނަސޭހަތް ދިން މީހުންގެ ތެރެއިން ނުވަ މީހުންނަކީ ކާފިއު ގަޑީގައި މަގުމައްޗަށް ނުކުމެގެން ދެވަނަ ފަހަރަށް ފުލުހުން ނަސޭހަތްތެރިވި މީހުންނެވެ.

ކާފިއުގެ ފުރަތަމަ ދުވަހުގައި މާލޭ ސަރަހައްދުގައި މަގުމަތީގައި އުޅުނު 95 މީހަކަށް ނަސޭހަތް ދިނެވެ. އޭގެ ތެރޭގައި ހިމެނެނީ 82 ދިވެހީންނާއި 13 ބިދޭސީންނެވެ.

އިއްޔެ ކާފިއު ވަގުތުގައި ބޭރަށް ނުކުމެ އުޅުނު 284 މީހަކަށް ފުލުހުން ނަސޭހަތް ދިނެވެ.

ފުުލުހުން މީގެކުރިން ބުނެފައިވާ ގޮތުގައި، ކާފިއު ވަގުތުގައި މަގުމައްޗަށް ނުކުންނަ ފަރާތްތަކަށް ނަސޭހަތް ދީ އެކަން ތަކުރާރު ވާނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ކާފިއު ނޫން ގަޑިތަކުގައި ގުރޫޕު ހަދާފައި ތިން މީހުންނަށްވުރެ ގިނައިން ބޭރުގައި އުޅޭ މީހުންވެސް ނަސޭހަތް ދިނުމަށްފަހު ތަކުރާރުވާނަމަ، ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.