07 Apr 2020, 10:02
މިދުވަސްވަރަކީ މުޅި ދުނިޔެއަށްވެސް ނުރައްކާތެރި، މިހާތަނަށް ކޮންޓްރޯލް ނުވެ އޮތް ބަލިމަޑުކަމެއް ފެތުރެމުން އަންނަ ދުވަސްވަރެކެވެ. އެގޮތުން ރާއްޖޭގައި މިހާރު ވެސް ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު ފާއިތުވެދިޔަ ދެ ހަފްތާ ވެސް ވަނީ ސްކޫލުތަކާއި ކޮލެޖުތަކުގެ އިތުރުން ސަރުކާރު އޮފީސްތައް ވެސް ބަންދުކޮށްފައެވެ.
މާލޭގެ ކުދިކުދި ތަންތަންކޮޅުގައި ބޭރަށް ނުނިކުމެ ގޭގައި ގިނަ ދުވަހު ތިބެން ޖެހުމުން ފޫހިވާގޮތްވެއެވެ. ގޭގައި ކުރަން ހުރި ކަންތައްތައް ކޮށްލުމަށްފަހު ހުސްވަގުތުގައި ކުރާނީ ކީއްހެއްޔެވެ؟
ހިންދީ ފިލްމުތަކާ އަބަދުވެސް ދިވެހިންނާ ވަރަށް ގާތްގުޅުމެއް އޮވެއެވެ. ކުޑައެއް ބޮޑެއް، އަންހެނެއް ފިރިހެނެއް ކިޔާނެކަމެއް ނެތެވެ. އެހެންވީމާ މިދުވަސްކޮޅު ގޭގައި ތިބެގެން ކުރީގެ ހިންދީ ފިލްމެއް ބަލައިލުން ކިހިނެއްވާނެ ހެއްޔެވެ؟
1. ކުޗް ކުޗް ހޯތާހޭ
ނަވާރަސަތޭކަ ނުވަދިހަ އަށްވަނަ އަހަރު ނުކުތް މި ފިލްމު ވެފައިވަނީ ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ހޯދި ފިލްމަށެވެ. މި ފިލްމު ބަލައި ދިވެހިން އަދިވެސް އުޅެއެވެ. ޝާހްރުކްޚާން، ކާޖޮލް އަދި ރާނީ މުކަރްޖީ ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ލޯބީގެ ހުރިހާ ރަހަތަކެއް އެކުލެވިގެންވާ ރީތި ހިންދީ ފިލްމެކެވެ. މި ފިލްމު ނެޓްފްލިކްސްއިން ބަލާލެވޭނެއެވެ.
2. ކަލް ހޯ ނާ ހޯ
ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް، ސައިފް ޚާން އަދި ޕްރީތީ ޒިންތާ ލީޑުން ފެނިގެންދާ މި ފިލްމަކީ ހަމަ ގައިމުވެސް ރޮއްވާލި ފިލްމެކެވެ. މި ފިލްމަކީ އަދިވެސް ދިވެހިންގެ މެދުގައި މަގްބޫލު ފިލްމެކެވެ. މި ފިލްމު ވެސް ނެޓްފްލިކްސްއިން ބަލާލެވޭނެއެވެ.
3. ތްރީ އީޑިއަޓްސް
އާމިރު ޚާން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަކީ 2009 ވަނަ އަހަރު ސިނަމާތަކަށް އައި ފިލްމެކެވެ. ތިން ރަހުމަތްތެރިއެއްގެ ގުޅުން ވަރަށް ރަނގަޅަށް ދައްކުވައިދޭ އެ ފިލްމަކީ ވެސް އަސަރުން ފުރިގެންވާ ފިލްމެކެވެ. މި ފިލްމުގެ އަންހެން ލީޑަކީ ކަރީނާ ކަޕޫރެވެ. ނެޓްފްލިކްސް އިން މިހާރު އެ ފިލްމު އަންނަނީ ދައްކަމުންނެވެ.
4. ބާޒީގަރް
ނަވާރަސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު ނުކުތް ބާޒީގަރް އަކީ ބަތަލާ ކާޖޮލް އާއި ޝާހްރުކް ލީޑުން ފެނިގެންދާ ފިލްމެކެވެ. އެދެތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމަކީ ވެސް މި ފިލްމެވެ. މި ފިލްމަކީ ބަތަލާ ޝިލްޕާ ޝެޓީ ބޮލީވުޑަށް ތައާރަފްވި ފިލްމުވެސްމެއެވެ. މި ފިލްމު ޔޫޓިއުބުން ވެސް ބަލާލެވޭނެއެވެ.
5. ޝޯލޭ
އަމީތާބު ބައްޗަން ލީޑުން ފެނިގެންދިޔަ ފިލްމު ޝޯލޭ އަކީ 1975 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމެކެވެ. ހެމާ މާލިނީ ވެސް ފެނިގެންދާ އެ ފިލްމު ޔޫޓިއުބުން ބަލާލެވޭނެއެވެ.
އިތުރު ހިންދީ ފިލްމުތައް:
* އޯމް ޝާންތި އޯމް
* ކަބީ ޚުޝީ ކަބީ ޣަމް
* ދަޅްކަން
* އާވާރާ
* ދޭވްދާސް
* ދިލްވާލޭ ދުލްހަނިޔާ ލޭ ޖާޔެންގޭ
* ދީވާރް