އައިޑީކާޑު ގެއްލިފައި ވިޔަސް ނުވަތަ، އައިޑީކާޑުގެ މުއްދަތު ހަމަވެފައި ވިޔަސް ކާކުކަން އަންގައިދޭ އެހެން ލިޔުންތައް ބޭނުންކޮށްގެން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން އެދިއްޖެ އެވެ.

ޑީއެންއާރްއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން ފިޔަވަޅުތައް އަޅަމުން ގެންދާ މިދަނޑިވަޅުގައި އައިޑީކާޑު ހެދުމުގެ ހިދުމަތް މެދުކަނޑާލާފައިވާތީ އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ހިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެހެންކަމުން، އައިޑީކާޑު ނަމްބަރު ފެންނަ ލިޔުމެއް ދިނުމުން، އަލަށް އުފަންވާ ކުދިންނާއި، އައިޑީކާޑު ގެއްލިފައިވާ މީހުންނާއި، އައިޑީކާޑުގެ މުއްދަތު ހަމަވެފައި ތިބި މީހުންނަށް ހިދުމަތް ދޭން ޑީއެންއާރްއިން އެދުނެވެ.

އެ ޑިޕާޓްމެންޓުން އެދެނީ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ނުވަތަ މި އަަހަރުގެ މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ދިނުމުން ހިދުމަތް ފޯރުކޮށްދޭށެވެ.

އެ އިއުލާނުގައިވާ ގޮތުން މިގޮތަށް އަމަލު ކުރަމުން ގެންދާނީ 2020 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އައިޑީކާޑު އެންމެ ބޮޑަށް ބޭނުންވާ ކަންކަމަމުގެ ތެރޭގައި އާސަންދައިގެ ހިދުމަތް ހޯދުން ހިމެނެއެވެ. އާސަންދައިން މި ފަހުން ވަނީ އައިޑީކާޑު ނެތިއްޖެ ނުވަތަ މުއްދަތު ހަމަވެފައިވާ ހާލުގައި ހިދުމަތް ލިބޭނެ ގޮތް ހަދައިފައެވެ.

ބަލި މީހާގެ އައިޑީކާޑު އަތުގައި ނެތިއްޖެ ހާލަތެއްގައި އައިޑީ ކާޑުގެ ކޮޕީ ނުވަތަ ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީކާޑު ނަންބަރު ފެންނަން އޮންނަ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއްގެ ފޮޓޯ ހުށަހަޅައިގެން، އާސަންދަ ޕޯޓަލްއިން ޗެކްކޮށް ވެރިފައި ކުރުމަށްފަހު އާސަންދައިގެ ހިދުމަތް އެމީހަކަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.