04 Apr 2020, 20:02
އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ހާލަތެއް ނެތް ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ނޫނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބް ނުބޭއްވޭނެ ގޮތައް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވަނީ ފަސްކޮށްފަ އެވެ.
އެޓާނީ ޖެނަރަލްގެ އޮފީހުން ފަރުމާކުރުމަށް ފަހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލްގައި ބުނާ ގޮތުން، އެ ބިލް ފާސްވެ އަމަލުކުރަން ފެށުމާއި އެކު އަންނަ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިންތިހާބް ފަސްކުރެވުނީ އެވެ.
އެ އިންތިޚާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިޚާބާގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ.
ކައުންސިލްތަކުގެ އިންތިހާބު ފަސްކުރެވުނު ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ މިހާރުވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށް އެ ބިލްގައި ވަނީ ބުނެފަ އެވެ. އަދި ވަކި ދާއިރާއަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އިންތިޚާބުވެފައިވާ ކެންޑިޑޭޓުން މަޤާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިޚާބު ބޭއްވުމަށްފަހު، އަލަށް އިންތިޚާބުވާ މެމްބަރުންނާއެކުގައެވެ.
ބިލަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާޠިލުވާނެއެވެ. ސަސްޕެންޝަން ބާޠިލުވުމާ އެކު އެ މީހުން ކުރިން ތިބި މަޤާމަށް އަނބުރާ ރުޖޫޢަވާނެއެވެ. ނަމަވެސް އެ މީހުން ސިވިލް ސަރވިސްގެ ވަޒީފާއަށް ރުޖޫޢަވާ ހިސާބުން ފެށިގެން، އަލުން ސަސްޕެންޑްކުރެވެންދެން، އިންތިޚާބާ ގުޅޭ ގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ޙަރަކާތެއް އެ މީހުން ކުރިއަށް ގެންގޮސްގެންނުވާނެއެވެ.
ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ ހަ ވަނަ ދުވަހުގެ ކުރިން ބާއްވައި ނިންމަންވާނެ ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.