04 Apr 2020, 20:19
ވޮޝިންޓަން (4 އެޕްރީލް 2020): ކޮރޯނާ ވައިރަސް ގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެ އިގްތިސާދީ "ކާރިސާއެއް" އަންނާނެކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
އެ ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ވިދާޅުވީ ކޮރޯނާ ވައިރަސް "ކޮވިޑް-19" ކޮންޓްރޯލް ކުރުމަށްޓަކައި ކަރަންޓީނު ކުުރުމާއި އެކަހެރިވުމާއި ގައުމުތައް އެއްކޮށް ބަންދު ކުރުމަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ ހަރަކާތްތަކުގެ ގާތްގަނޑަކަށް 80 އިންސައްތަ ހުއްޓިފައިވާ ކަމަށާ މިއީ ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔެ ތަޖުރިބާކުރާ އެންމެ ބޮޑު އިގްތިސާދީ ކާރިސާ ކަމުގައެވެ.
ހުކުރު ދުވަހު ވޮޝިންޓަންގައި ދެއްވި ބަޔާނެއްގައި މަލްޕާސް ވިދާޅުވީ ދުނިޔެ ވަނީ އިގްތިސާދީ ރިސެޝަނަކަށް ގޮސްފައި ކަމަށާއި މި ރިސެޝަންގެ ދިގުމިނާއި މުއްދަތު އަންދާޒާކުރެވޭނީ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށް ނަގާނެ މުއްދަތުވެސް އަންދާޒާ ކުރެވިގެން ކަމުގައެވެ.
ނަމަވެސް 2008 އަށްވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި މާލީ ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ކޮރޯނާ ވައިރަސްގެ ސަބަބުން މިހާރުވެސް ދުނިޔެ ތަހައްމަލް ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮރޯނާ ވައިރަސް ކޮންޓްރޯލްނުވެ ދިގުލައިގެން ގޮސްފިނަމަ 1929 ން 1932 ށް ދުނިޔެއަށް ކުރިމަތިވި ވަރުގެ ބޮޑު "ތަދުމަޑުކަމެއް" (ގްރޭޓް ޑިޕްރެޝަން) އެއް ދުނިޔެއަށް އަތުވެދާނެކަމުގެ ބިރު ބޮޑު ކަމަށް މަލްޕާސް ވިދާޅުވިއެވެ.

ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މާލްޕާސް
މަލްޕާސް މިމޭރުމުން ބަޔާން ދެއްވިއިރު ބައިނަލްއަގްވާމީ އެންމެބޮޑު މާލީ އެއް މުއައްސަސާ ކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް "އައިއެމްއެފް" ގެ ރައީސާ ކްރިސްޓަލީނާ ޖޯޖީވާ ވެސް ވަނީ މިފަދަ މޭރުމަކުން ދުނިޔޭގެ އިގްތިސާދާމެދު އިންޒާރު ދެއްވާފައެވެ.
ހުކުދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޯޖީވާ ވިދާޅުވީ ކޮރޯނާ ވައިރަސްއާއެކު ދުނިޔެ ކުރިމަތިލާފައިވަނީ ފަހުގެ ތާރީޚެއްގައި ކުރިމަތިވެފައި ނުވާފަދަ އިގްތިސާދީ މައްސަލަތަކަކާ ދިމާއަށް ކަމުގައެވެ. މިހާލަތުގައި ދުނިޔޭގެ ގައުމުތަކަށް ލޯންއެހީ ދިނުމަށް އެއް ޓްރިލިޔަން ޑޮލަރު އައިއެމްއެފް އިން އެކަށައަޅާފައިވާ ކަމަށް ޖޯޖީވާ ވިދާޅުވިއެވެ.
ޖޯޖީވާ ވިދާޅުވީ ކޮރޯނާ ވައިރަސް އާ ގުޅިގެން ބަޖެޓް ދެކޮޅު ޖެއްސުމަށް ނުކުޅެދިފައިވާ 90 ގައުމު އެބައޮތްކަމަށާއި އެގައުމުތަކުން އައިއެމްއެފްގެ ލޯނަށް އެދިފައިވާ ކަމުގައެވެ. އެހެންކަމުން އެގައުމުތަކަށް ލޯން ދިނުމަށް ވާންޖެހޭ ތައްޔާރީތައް އެ ފަންޑުން ވަމުންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.

އައިއެމްއެފްގެ ޑައިރެކްޓާ ޖެނެރަލް ކްރިސްޓަލީނާ ޖޯޖީވާ
އައިއެމްއެފް އިން ދޭ ލޯންތަކުގެ ޝަރުތުތަކަކީ ހަރުކަށި ޝަރުތުތަކަށްވެފައި ދިގުމުއްދަތަށްބަލާއިރު އެ ލޯންތަކުން ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭތީ އައިއެމްއެފް އިން ލޯން ނެގުމަކީ ގޮތްހުސްވެގެން އެންމެ ފަހުން ކުރާ ކަމެއްގެ ގޮތުގައި ނޫނީ ގައުމުތަކުން ކުރާކަމެއްނޫނެވެ. އައިއެމްއެފް އިން ލޯނެއް ނަގާނަމަ ކާޑުގެ ބާވަތްތަކުންނާއި އެނޫންވެސް ގޮތްގޮތުން ރައްޔިތުންނަށް ދޭ ސަބްސިޑީތައް ހުއްޓާލުމަށް އެ ފަންޑުން ޝަރުތު ކުރެއެވެ. އަދި ރައްޔިތުންނަށް ދަތިވާފަދަ ގޮތަކަށް އިގްތިސާދު ބައްޓަން ކުރަންވެސް އައިއެމްއެފް އިން ޝަރުތު ކުރެއެވެ.
ކޮރޯނާ ވައިރަސް ގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަން ކުޑަކުރުމަށްޓަކައި ގައުމުތަކަށް ފުރަތަމަ ދޭ މާލީ ޕެކެޖަށް ވޯލްޑް ބޭންކުންވަނީ 12 ބިލިޔަން ޑޮލަރު އެކަށައަޅައި އެފައިސާ ދޭނެ ގައުމުތައް ކަނޑައަޅާފައެވެ. މީގެއިތުރުން މިއަށްވުރެ ބޮޑު މާލީ ޕެކެޖެއް ފަހުން އިއުލާނު ކުރާނެކަމަށްވެސް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ. ކޮރޯނާ ވައިރަސް ގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް 3 މަސް ތެރޭގައި 2 ޓްރިލިޔަން ޑޮލަރު ގެ ގެއްލުމެއް ކުރިމަތިވާނެކަމަށް ވޯލްޑް ބޭންކުން އަންދާޒާ ކޮށްފައިވެއެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން އދ. ގެ ވިޔަފާރިއާއި ތަރައްގީއާބެހޭ އދ. ގެ މުއައްސަސާ ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް (ޔުނެކްޓަޑް) ން ނެރުނު ރިޕޯޓެއްގައި އެ ވައިރަސް ގެ ސަބަބުން ދުނިޔޭގެ ގައުމުތަކުން 25 މިލިއަނަށްވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލި އެމީހުންނާއި އެމީހުންގެ އާއިލާތައް ހާލުގައި ޖެހިދާނެކަމަށް އަންދާޒާ ކޮށްފައިވެއެވެ.
އެމެރިކާގައި މިހާރުވެސްވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން 6 މިލިޔަން މީހުންގެ ވަޒީފާ ގެއްލިފައެވެ. އދ.ގެ ރިޕޯޓްގައި ދުނިޔޭގެ އިންވެސްޓަރުން އެހެންގައުމުތަކުގައި ކުރާ ފޮރިން އިންވެސްޓްމަންޓްތަކުގެ މިންވަރު ކޮރޯނާ ވައިރަސްގެ ސަބަބުން 40 އިންސައްތަ ދަށަށް ދާނެކަމަށް ލަފާކޮށްފައިވާއިރު ކޮރޯނާ ކޮންޓްރޯލް ވުމަށްފަހުވެސް އަވަސްގޮތަކަށް ދުނިޔޭގެ އިގްތިސާދު ރިކަވާ ނުވާނެކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ. (ނޫސްއެޖެންސީތައް)