ބައެއް ދިރާސާތަކުން ދައްކާ ގޮތުން ކޮވިޑް-19، ވައިގެ ޒަރިއްޔާއިން ފެތުރުމުގެ ފުރުސަތު އޮތުމުން އެ ބަލި ފެތުރުން ހުއްޓުވުމާއި ރާއްކާތެރިވުމުގެ ގޮތުން އަނގަޔާއި ނޭފަތް ނިވާވާގޮތަށް ފޮތި މާސްކު އެޅުއްވުމަށް އައިޖީއެމްއެޗުގެ ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރޭޓަރީ މެޑިސިންގެ ޑޮކްޓަރު، މުހައްމަދު އަލީ އިލްތިމާސް ކުރައްވައިފި އެވެ.

ޑރ. މުހައްމަދު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަލަށް ހެދި ދިރާސާއަކުން ދައްކާ ގޮތުން ވައިގެ ޒަރިއްޔާއިން ވައިރަސް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެން ކަމުން 'ޑްރޮޕްލެޓްސް' ގެ އިތުރުން ނޭވާލާއިރު އެ ވައިރަސް އެކަކުގެ ހަށިގަނޑުން އަނެކަކުގެ ހަށިގަނޑަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

"ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ފޮތި މާސްކަކުން އަނގަ ނިވާކުރެވިދާނެ،" މޯލްޑިވަސް މެޑިކަލް އެސޯސިއޭޝަންގެ ނައިބް ރައީސްގެ މަގާމުގައި ވެސް ހުންނެވި ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

އާއްމު ތަންތަނުގައި މީހުން އަނގަ އާއި ނޭފަތް ނިވާ ކުރުމަށް ފޮތި މާސްކު އަޅަން ގައުމުތަކުގެ ސަރުކާރުން ހިތްވަރު ދިނުމަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ތާއިދު ކުރާ ކަމެއް ކަމަށް އެޖަމްއިއްޔާއިން ވެސް ވަނީ ބުނެފަ އެވެ.

ޑަބްލިއުއެޗްއޯއިން އެފަދައިން ބުނެފައި ވަނީ، ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން މާސްކު އެޅުމަކީ ރަނގަޅު ފިޔަވަޅަކަށް ވެދާނެ ކަމަށް ބައެއް ދިރާސާތަކުން ދެއްކި ފަހުންނެވެ. އެއީ މާސްކު އެޅުމަކީ، ވައިރަސް ހުރި ނަމަވެސް އަލާމާތްތައް ނުފެންނަ މީހުންގެ ފަރާތުން އެހެން މީހުންނަށް ވައިރަސް ފެތުރުން ކުޑަ ކުރެވޭނެ ގޮތަކަށްވާތީ އެވެ.

އެހެންނަމަވެސް ޑަބްލިޔުއެޗްއޯއިން ވަނީ ސާޖިކަލް މާސްކުތައް މީހުން ގަނެ އެއް ނުކުރުމަށާއި އެފަދަ މާސްކުތައް ސިއްހީ ފަރުވާ ދޭ ފަރާތްތަކާއި ބަލި މީހުންނަށް ހާއްސަ ކުރުމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފުރަތަމަ ފެނުނު ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 180އަށް ވުރެ ގިނަ ގައުމަށް ފެތުރި، އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ ވައިރަހުގެ ސަބަބުން 60,427 މީހަކު ވަނީ މަރުވެފަ އެވެ.