ކުއާލަލަމްޕޫރު (ޑިސެމްބަރ 15) : ޔޫރަޕްގެ ޤައުމުތަކަކީ އިޤްތިސާދީ ގޮތުން ބަލިކަށި އަދި ލިބޭމިންވަރު މަދުވަމުންދާ ޤައުމުތައް ކަމަށާ އެހެންކަމުން ލިބޭމިންވަރު ދަނެގެން ބޭޒާރުނުވެ އުޅުމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު ބިން މުޙައްމަދު އެޤައުމުތަކަށް ގޮވާލައްވައިފިއެވެ.

ދަރަނީގެ ސަބަބުން އިނދަޖެހިފައިވާ ޔޫރަޕްގެ އިޤްތިސާދު އަލަށް ނެގެހެއްޓުމަށް އެހީވުމުގެ ގޮތުން މެލޭޝިޔާގައި ފަންޑެއް ހުޅުވައި ދެއްވަމުން މަހާތީރު ވިދާޅުވީ މިއަދު ޔޫރަޕް ރައްޔިތުންނަކީ އެމީހުންކުރިން އުޅުނު މުއްސަނދިކަމުގައި އުޅެވޭނެ ބައެއްނޫން ކަމަށާއި ޔޫރަޕުން ފެންނަ މުއްސަނދި ދަޅަތަކަކީ ޙަޤީޤަތަކަށްވުރެ ދެއްކުމެއް ކަމުގައެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ޔޫރަޕްގެ އިޤްތިސާދީ ފެންވަރަށްވުރެ މަތީގައި އުޅެން މަސައްކަތް ނުކުރުމަށް މާހާތީރު އެޤައުމުތަކަށް ގޮވާލެއްވިއެވެ. ޔޫރަޕްގެ ގިނަ ޤައުމުތަކަކީ ޤުދްރަތީ ވަސީލަތްތަކުގެ ބޮޑުބައެއް ހުސްވެފައިވާ އަދި އިސްތިޢްމާރުގެ ދުވަސްވަރު ކުދިޤައުމުތަކުން ފޭރިގެން ގެނަސްފައިވާ މުދާތައްވެސް ހުސްވެ ދަރަނީގެ ކަނޑެއްގައި ފަތަމުންދާ ޤައުމުތަކެއް ކަމަށް މަހާތީރު ސިފަކުރެއްވިއެވެ.

މަހާތީރު ވިދާޅުވީ 1997 ން 1998 ށް އޭޝިޔާއަށް ކުރިމަތިވި މާލީ ތަދުމަޑުކަމުގައި އޭޝިޔާގެ ޤައުމުތަކަށް އެހީވުމަށް ޔޫރަޕް ފަސްޖެހެނުކަމަށާ އެދުވަސްވަރު މެލޭޝިޔާގެ ރިންގެޓަށާއި އިންޑޮނީޝިޔާއާއި އެނޫން އޭޝިޔާގެ ޤައުމުތަކުގެ ފައިސާއަށް ޙަމަލާދިނީ ޔޫރަޕްގެ ރިޒާވް ބޭންކުގެ ފަންޑްތަކުން ކަމުގައެވެ.

އެދުވަސްވަރު މެލޭޝިޔާއަށް ކުރިމަތިވި އިޤްތިސާދީ އަނދަވަޅުން ސަލާމަތްވުމަށްޓަކައި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން އެހީ ހޯދުމަށް މެލޭޝިޔާ ދެކޮޅުހެދުމުންނާއި ޔޫރަޕުންދިން މާލީ ނަސީޙަތްތައް ޤަބޫލު ނުކުރުމުން މެލޭޝިޔާއަށް މަލާމާތްކުރި ޔޫރަޕް މިހާރުވަނީ އެދުވަސްވަރު މެލޭޝިޔާއޮތް ޙާލަތަށްވުރެ މާނިކަމެތި ޙާލަތެއްގައި ކަމަށް މަހާތީރު ސިފަކުރެއްވިއެވެ.

ދަރަނީގެ ސަބަބުން އިނދަޖެހިފައިވާ ޔޫރަޕަށް އެހީވުމުގެ ގޮތުން މަހާތީރު ހުޅުއްވައިދެއްވި ފަންޑަށް މެލޭޝިޔާއިން އެހީވާނެތޯ ކުރެވުނު ސުވާލެއްގެ ޖަވާބުގައި މަހާތީރު ވިދާޅުވީ ޔޫރަޕުން މެލޭޝިޔާ އިނދަޖައްސާލަން މަސައްކަތްކުރި ނަމަވެސް މެލޭޝިޔާއިން ޔޫރަޕް ނެގެހެއްޓުމަށް މާލީ އެހީ ދޭންޖެހޭނެ ކަމުގައެވެ. -- އަލްޖަޒީރާ