ސްރީލަންކާ އަދި އިންޑިއާގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެންނަން، ލަންކާގެ ކޮލަމްބޯ އަށާއި އިންޑިއާގެ ކޮޗިންއަށް މޯލްޑިވިއަންގެ ފްލައިޓުތަކެއް ފޮނުވަން ހަމަޖެހިއްޖެ އެވެ.

މޯލްޑިވިއަން މިއަދު ކުރި ޓްވީޓެއްގައި ވަނީ އިންޑިއާ އަދި ލަންކާގައި ތިބި ދިވެހިން އަނބުރާ ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ފްލައިޓުތައް އޮންނަ ގަޑިތަކުގެ މައުލޫމާތު އާންމުކޮށްފަ އެވެ.

މޯލްޑިވިއަންއިން ބުނީ އެ ފްލައިޓުތައް މެދުވެރިކޮށް ރާއްޖެ އަންނަން ބޭނުންވާ މީހުން ޕާސްޕޯޓު ކޮޕީ އާއި ނަމާއި ކޮންޓެކްޓް މައުލޫމާތުތައް އެ އެއާލައިންއަށް ވައިބާކޮށްދިނުމަށް އެދޭ ކަމަށެވެ.

މޯލްޑިވިއަންގެ ކިއު-300ގެ ދެ މަތިންދާބޯޓު މާދަމާ ކޮލަމްބޯގައި ޖައްސާނެ އެވެ. ހަވީރު، 5:40 ގައި ކޮލަމްބޯގައި ޖައްސަން ހަމަޖެހިފައިވާ ފްލައިޓު ދިވެހިންނާ އެކު ފުރާނީ މާދަމާ ރޭ 6:40ގަ އެވެ. އަދި މާދަމާ ހަވީރު 5:55 ގައި ޖައްސަން ހަމަޖެހިފައިވާ ފްލައިޓު ދިވެހީންނާ އެކު ފުރާނީ ރޭގަނޑު 6:55ގަ އެވެ.

ކޮޗިންއަށް ކުރަން ހަމަޖެހިފައި ވަނީ އެންމެ ދަތުރެކެވެ. މޯލްޑިވިއަންގެ އޭ-321 ބޯޓެއް މާދަމާ ރޭ 6:00 ހާއިރު ކޮޗިންގައި ޖައްސާނެ އެވެ. އަދި މާދަމާ ރޭ 7:00 އެހާކަންހާއިރު ދިވެހިންނާ އެކު ކޮޗިންއިން އެ ބޯޓް ފުރާނެ އެވެ.

ރާއްޖެއިން ބޭރުގައި އެންމެ ގިނަ ދިވެހީން އުޅެނީ ލަންކާގަ އެވެ. އެގައުމުގައި ގާތްގަނޑަކަށް 15،000 ދިވެހީން އުޅެ އެވެ. އަދި ކޮޗިން އަކީ ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށްދާ ތަނެވެ. ކޮވިޑް-19 ވައިރަހާ ގުޅިގެން ކޮމާޝަލް ފްލައިޓުތައް ހުއްޓުވާފައި އޮތުމުން، އެ ދެ ތަނުގައި ތިބި ދިވެހީން ދަނީ އަނބުރާ ގައުމަށް ގެނައުމަށް އެދެމުންނެވެ.