04 Apr 2020, 16:46
ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން، މާލޭ ސަރަހައްދާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުނުކުރުމަށް ނިންމި ނިންމުން، އޭޕްރީލް 11 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން އެ ސަރަހައްދުތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އެންމެ ފުރަތަމަ މަނާކުރީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެންނެވެ.
އަދި މިއަދުގެ އަސުރު ނަމާދުގެ ނިޔަލަށް އެ ނިންމުން ވަނީ ފަހުން އިތުރުކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދާއި ރިސޯޓުތަކުގައި ފަރުޟު ނަމާދުތަކާއި، ހުކުރު ނަމާދުގެ ޖަމާއަތް ޖަމާއަތް މިސްކިތްތަކުގައި ނުހެދުމަށް ނިންމާފައި އޮތް އޮތުން އޭޕްރީލް 11 ވާ ހޮނިހިރު ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އަތޮޅުތެރޭގައި ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާ ނުކުރި ނަމަވެސް، އެއްވެސް ރަށަކަށް އަރާ ފޭބުން މަނާކޮށްފިނަމަ، އެ ހާލަތު ދެމިއޮތްހާ ހިނދަކު އެ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން މަނާވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހަތުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިފައެވެ.
މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރެވުނު ނަމަވެސް، ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކުރުމަށް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެއެވެ.