05 Apr 2020, 10:17
ކޮރޯނާވައިރަސް، ކޮވިޑް-19ގެ އަލާމާތްތައް ހުރެެގެން އާދައިގެ ހޮސްޕިޓަލަކަށް ގޮސްފި ނަމަ ފަރުވާ ދެވޭނެ ގޮތެއް ނެތަތީ ހޮސްޕިޓަލަށް ނުވެސް ވައްދަނީ އެވެ. ބައްޔަށް ޕޮޒިޓިވް ނުވަނީސް ފަރުވާ ދެވޭ ވަރުގެ ހޮސްޕިޓަލުތަކުން އެޑްމިޓުވެސް ނުކޮށްދެނީ އެވެ. އާދައިގެ މީހާ ގޮތް ހުސްވެގެން އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ހިނގަހިނގައި ހުއްޓާ މަރުވެގެން ވެއްޓެނީ އެވެ.
މިއީ ބަންގާޅުގައި އުޅޭ މެޑިސިން ކިޔަވާ ދިވެހި ދަރިވަރަކު އެގައުމު ވެއްޓިފައިވާ ހާލަތު ސިފަކޮށްދިން ގޮތެކެވެ.
ބަންގާޅުގައި މިހާރު ގާތްގަނޑަކަށް 80 ދިވެހީން އެބަ ތިއްބެވެ. އޭގެ ތެރެއިން ގިނަ ދިވެހީންނަކީ ސިއްހީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ހޯދަން ގޮސް ތިބި މީހުންނެވެ. ދިވެހީން އުޅެނީ މައިގަނޑުގޮތެއްގައި ދެ ސަރަހައްދެއްގައެވެ. އެއީ ޗިޓަގޮން އާއި ޑާކާ އެވެ. ބައެއް މީހުން އުޅެނީ އާއިލާވެސް ގޮވައިގެންނެވެ. އެ އެންމެންވެސް އެ ތިބީ އެ ގައުމުގައި ތާށިވެފައެވެ. ހާސްވެ ބިރުގަނެފައެވެ.
ބަންގާޅުގެ ހާލު އަންދާޒާވެސް ނުކުރެވޭ
ބަންގާޅުގައި ތިބި ބައެއް ދިވެހި ދަރިވަރުން ބުނާ ގޮތުގައި އެގައުމުގެ ހާލަތު ސަރުކާރުގެ މަސްދަރުތަކުން ބުނާ ވަރަށް ވުރެ ގޯހެވެ. ވައިރަހަށް ޓެސްޓު ކުރާލެއް މަދުކަމުން ހަގީގަތުގައި އެގައުމުގައި ވައިރަސް ފެތުރިފައި އޮތް މިންވަރު މިހާރު ބުނަން ނޭނގޭ ކަމަށް ދަރިވަރުން ބުނެ އެވެ.
ރަސްމީ ތަފާސުހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ބަންގާޅުގައި 70 މީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ.

ބަންގާޅުގައި ވޮލެންޓިއަރުން ވެހިކަލްތައް ޑިސްއިންފެކްޓު ކުރަނީ --
އެހެންނަމަވެސް، ބަލި ޖެހިފައިވާ މީހުންގެ ހަގީގީ އަދަދެއް ނޭނގެއެވެ. ކޮވިޑް-19ގެ އަލާމާތްތަކާ އެކު ގިނަ ބަޔަކު ދަނީ މަރުވަމުންނެވެ. އެ މީހުން ކޮވިޑް-19ގެ ރަސްމީ ހިސާބުތަކުގެ ތެރެއަށް ނުވައްދައެވެ. އެއީ ބައްޔަށް އެ މީހުން ޓެސްްޓު ނުކުރާތީއެވެ. އެފަދަ މީހުން މަރުވީ "ކޮވިޑް-19 ފަދަ އަލާމާތްތަކާ އެކު" ނުވަތަ "އޭޓިޕިކަލް ނިއުމޯނިއާ"އިން ކަމަށް ކްލެސިފައި ކުރުމަށް ފަހު އެކަން ނިންމާލަނީއެވެ.
"އަޅުގަނޑު އުޅޭ ހޮސްޕިޓަލުގައި އެކަނިވެސް ކޮވިޑް ސިމްޕްޓަމްސްއިން މަރުވެފައި އެބަ ތިބި ގާތްގަނޑަކަށް 40 މީހުން. އެކަމަކު އެ މީހުންނަށް ޕްރޮޕާ ޓެސްޓިންއެއް ދެވިފައި ނެތް،" ޗިޓަގޮން މެޑިކަލް ކޮލެޖުގައި ތައުލީމު ހާސިލު ކުރަމުންދާ އިޔާދު ނަސީރު "ސަން"އަށް ބުންޏެވެ.
އިޔާދުގެ ވާހަކަތަކަށް އިތުރު ބާރެއް ލިބުނީ ޗިޓަގޮން މެޑިކަލް ކޮލެޖުގައި ތައުލީމު ހާސިލުކުރަމުންދާ ފާތިމަތި ޒާހިޔާ ދެއްކި ވާހަކަތަކުންނެވެ.
"މިވާ ގޮތަކީ ކޮވިޑް-19 ކަހަލަ ސިމްޕްޓަމްސް ހުރިއްޔާ ނޯމަލް ހޮސްޕިޓަލެއްގައި އެޑްމިޓްކޮށެއް ނުދޭ. ކޮންފާމް ނުވަންޏާ ޑެޒިގްނޭޓެޑް ހޮސްޕިޓަލުތަކުން އެޑްމިޓް ކޮށެއް ނުދޭ. ޕޭޝަންޓުން ޖެހެނީ އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ދުވެ ދުވެ ތިބެން. އެހެން ތިއްބާ ސަމް ޕީޕަލް އާ ޖަސްޓް ޑައިއިން،" ޒާހިޔާ "ސަން"އަށް ކިޔައިދިނެވެ.
ވައިރަހުގެ އަލާމާތްތަކާ އެކު މީހުން މަރުވަމުންދާއިރު، ބަލިތަކުން ރައްކާތެރިވުމަށް ސިއްހީ ހިދުމަތްތެރިން އަޅާ ރައްކާތެރިކަމުގެ ފޭރާންތައް ނުވަތަ ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމެންޓު (ޕީޕީއީ)އަށްވެސް ގައުމު އޮތީ ޖެހިފަ އެވެ. ޒާހިޔާ ބުނި ގޮތުުގައި، ޕީޕީއީ ނެތުމުން އަމިއްލައަށް އެ ސާމާނު ހޯދައިގެން ނުކުންނަން ބައެއް ހޮސްޕިޓަލުތަކުން އިންޓާނުންނަށް އަންގާފައި އެބަ ހުއްޓެވެ. އެކަމާ ގުޅިގެން އިންޓާނުން މަސައްކަތަށް ނުކުންނަން ދެކޮޅު ހަދާ ކަމަށްވެސް އޭނާ ބުންޏެވެ. އޭގެ ތެރޭގައި ދިވެހީންވެސް ހިމެނެ އެވެ.
"ޕީޕީއީ ނެތީމަ ހުރިހާ އިންޓާންސް އެއްކޮށް ބަސްކިޔައިގެން އެ ކުދިން ޑިއުޓީއަށް ނުނުކުންނަ ގޮތަށް ސްޓްރައިކެއް ގޮތަށް މަސައްކަތް ކުރެވޭތޯ ބަަލަނީ،" ޒާހިޔާ ބުންޏެވެ. "އިންޓާންސްއަށް އަންގާފައި އޮތީ އަމިއްލައަށް ޕީޕީއީ ހޯދާށޭ. ކިހިނެއްތޯ އަމިއްލައަށް ޕީޕީއީ ހޯދާނީ. މިއީ އަޅުގަނޑުމެންނަށް ލިބެން ހުންނަ އެއްޗެއް ނޫން ދެއްތޯ."
ބޭރަށް ނުކުތުންވެސް ނުރައްކާ
ބަންގާޅު ލޮކްޑަައުންގެ ހާލަތުގައި އޮތް ނަމަވެސް، އެއަށް ގިނަ މީހުން ބޯނުލަނބަ އެވެ. އަދި ލޮކްޑައުން ތަންފީޒެއްވެސް ނުކުރެ އެވެ.
ގިނަ ފިހާރަތައް ހުންނަނީ ބަންދުކޮށްފައެވެ. ހުޅުވާފައި ހުންނަނީ މަދު ސުޕަމާޓުތަކެކެވެ. އެ ތަންތަނުގެ ކަބަޑުތައް ދަނީ ހުސްވަމުންނެވެ. މިހާރު އެންމެންވެސް ދާން ޖެހެނީ އެ ސުޕަމާޓުތަކަށެވެ. އެހެންކަމުން އެ ތަންތަނަކީ ބަލި ފެތުރުމުގެ ނުރައްކާ ބޮޑު ތަންތަނެވެ.

ކޮވިޑް-19އާ ގުޅިގެން ބަންގާޅު އޮތީ ލޮކްޑައުންގައި: އެކަމަކު، މީހުންނަށް ބޭރަށް ނުކުމެ އުޅެވޭ --
ޗިޓަގޮން މެޑިކަލް ކޮލެޖުގައި ކިޔަވާ ޒާހިޔާ އުޅެނީ އެ ކޮލެޖުގެ ހޮސްޓެލްގަ އެވެ. އޭނާ ބުނި ގޮތުގައި ކޮލެޖު ބަންދު ކުރުމުން އެ ހޮސްޓެލްގައި އުޅޭ ބަންގާޅު ކުދިން އަނބުރާ ގެއަށް ދިޔައީ އެ މީހުން އަތުގައި ތިބި ހުރިހާ ކާނާއެއް ހޮސްޓެލްގައި މަޑުކުރަން ޖެހޭ ކުދިންނަށް ދީފަ އެވެ. އެހެންކަމުން، އަދި އޭނާ ކާބޯތަކެއްޗަށް ދައްޗެއް ނުވެއެވެ. އެހެންނަމަވެސް، ކާބޯތަކެތި ހޯދަން ނުކުންނަން ޖެހޭނެތީ އޭނާ ބިރުގަނެ އެވެ.
"މިހާރު އަސްލު ވަރަށް ބިރުން މިހުންނަނީ ހޮސްޓެލްއިން ބޭރަށް ނުކުންނަން ޖެހޭތީވެސް. ހޮސްޓެލްއިން އަޅުގަނޑުމެންނަށް ނުކުމެވެނީ ހޮސްޕިޓަލުގެ އިމަޖެންސީ ގޭޓަށް. އެތަނަށް ވަރަށް ގިނަ މީހުންވެސް އައިސްފައި ގޮސްފައި އުޅޭނެ،" ޒާހިޔާ ބުންޏެވެ.
ޗިޓަގޮންގައި ތައުލީމު ހާސިލު ކުރާ އިޔާދު އުޅެނީ އިތުރު ތިން ދިވެހި ދަރިވަރަކާ އެކު އެވެ. އެ މީހުން ތިބީ މި މިދިޔަ މަހުގެ 16 ވަނަ ދުވަހު ކާބޯތަކެތި ގަނެ ރައްކާކޮށްގެންނެވެ. އަދި ހަފްތާއެއްހާ ދުވަހު ކާބޯތަކެތިން އުޅެވޭނެ ކަމަށް އޭނާ ލަފާކުރެ އެވެ. އެ ތަކެތި ހުސްވުމުން އެ މީހުންނަށްވެސް ޖެހޭނީ ކާބޯތަކެތި ގަންނަން ނުކުންނާށެވެ. އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށް ހުށަހަޅަ އެވެ.
"ޑިވޮލޮޕިން ކަންޓްރީއެއް ވީމަ، ފަގީރުން ގިނަ ގައުމަކަށްވީމަ ގައުމަށް ފުޑް ޝޯޓޭޖް ދިމާވެދާނެތީ ބިރުން މި ހުންނަނީ،" އިޔާދު ބުންޏެވެ. "މިހާރު ފޭސްބުކް ތަންތަކުން އެބަ ފެނޭ ކާއެއްޗެހި ނުލިބިފައި ތިިބޭ މީހުން އަރައިގަނެގެން ޖަހައިގަނެގެން އުޅޭތަން. އެކަހަލަ ތަންތަން ފެނި އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑު ބިރުވެރިކަމެއް ހާސްކަމެއްގެ ތެރޭގައި،" އިޔާދު ވިދާޅުވި އެވެ.
"ދެވަނަ އިޓަލީއަށް ވުމުގެ ކުރިން ނެރެދީ"
ބަންގާޅުގެ ކޮޮމާޝަލް ފްލައިޓުތައް މިހާރު އޮތީ ހުއްޓިފައެވެ. ދިވެހީންނަށް އެގައުމުން ނުކުމެވޭނެ ދޮރުތައް ބަންދެވެ. އެގައުގައި ތިބި ދިވެހީންގެ އާދޭހަކީ ކޮންމެ ގޮތެއް ހަދާފައި ވިޔަސް އެތަނުން ނެރެދިނުމެވެ. އެ އާދޭހުގެ މެސެޖުތައް އެ މީހުން ދަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ކުރަމުންނެވެ.
"ސިޗުއޭޝަން ދުވަހުން ދުވަހަށް ގޯސްވަމުން ދަނީ. އެހެންވެގެން ވަކި ހިސާބަކަށް ގޮސްފައި މާ ބޮޑަށް ސަކަރާތްވުމުގެ ކުރިން، އަނެއްކާ ދެވެނަ އިޓަލީއަކަށްވުމުގެ ކުރިން ނޫނީ ޗައިނާއަކަށްވުމުގެ ކުރިން މި ތަނުން ނުކުމެވޭތީ މި ބަލަނީ،" އިޔާދު ބުންޏެވެ.

ބަންގާޅުގައި ސިފައިންގެ މީހަކު މަގުމަތިންދާ މީހެއްގެ ފައިވާނު ޑިސްއިންފެކްޓު ކުރަނީ --
"ކަމެއް ވެއްޖެއްޔާ އަޅުގަނޑުމެންވެސް އެ ހާލަތަށް ދެއްތޯ ދާނީ. އަޅުގަނޑުމެންގެ ވާހަކަ އަކީ ކަމެއް ވުމުގެ ކުރިން މި ތަނުން އަޅުގަނޑުމެންނަށް ދެވޭނެ ގޮތެއް ހަމަޖައްސައިދެވޭނެ ގޮތެއް ހަމަޖައްސައިދޭށޭ،" ޒާހިޔާ ކަންބޮޑުވުންތައް ކިޔައިދިނެވެ.
ޒާހިޔާވެސް އިޔާދުވެސް އެދެނީ ފްލައިޓެއް ޗާޓާކޮށްގެން ނަމަވެސް ދިވެހީން އެތަނުން ނެރެދިނުމަށެވެ. އެ މީހުންގެ ވާހަކައަކީ ލަންކާ ފަދަ ގައުމުތަކަށް ވުރެ ބަންގާޅުގެ ހާލު ދެރަ ކަމެވެ. އެ މީހުންނަށް ކުރިމަތިވެފައިވާ ނުރައްކާ މާ ބޮޑު ކަމެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހީންގެ ހާލު ބަލަމުންދާ ކަމަށާއި، އެ މީހުން ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެ އެވެ. އެގޮތުން، ލަންކާގެ ކޮލަމްބޯ އާއި އިންޑިއާގެ ކޮޗިންއިން ދިވެހިން އަނބުރާ ރާއްޖެ ގެންނަން ސަރުކާރުން ވަނީ މޯލްޑިވިއަންގެ ފްލައިޓުތައް ހަމަޖައްސައިދީފަ އެވެ. އަދި ބަންގާޅު ފަދަ ގައުމުތަކުންވެސް މީހުން ގެންނަން ފްލައިޓުތައް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މިއީ އިޔާދު އާއި ޒާހިޔާ ފަދަ އެތައް ބަޔަކަށް ލިބޭނެ އުންމީދުގެ އަލިކަމެކެވެ.