15 Dec 2011, 16:17
މަދަނީ އިއްތިހާދުގެ ރައީސް އަބްދުﷲ މުހައްމަދު ހޯމް މިނިސްޓްރީއަށް ހާޒިރުވާން އަންގައިފި އެވެ.
އަބްދުﷲ މިއަދު ވިދާޅުވީ މަދަނީ އިއްތިހާދުގެ ހައިސިއްޔަތުން މީޑިއާތަކަށް އޭނާ މައުލޫމާތު ދެއްވާފައިވާތީ ހޯމް މިނިސްޓްރީގެ ޖަމްއިއްޔާތަކާއި ބެހޭ ރަޖިސްޓްރާ ބައްދަލުކޮށްލަން ބޭނުންފުޅުވާތީ މިއަދު 2:00 އަށް ހާޒިރު ވުމަށް ހޯމް މިނިސްޓްރީން މިއަދު އޭނާ އަށް ފޯނުންކޮށް ގުޅައި އެންގި ކަމަށެވެ. އެ އެންގުމަށް މިނިސްޓްރީއަށް ވަޑައި ނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް މިއަދު ހޯމް މިނިސްޓްރީން އަހުޒަމް ކިޔާ ބޭފުޅަކު ގުޅުއްވާފައި ވިދާޅުވި، އެ މިނިސްޓްރީގެ ޖަމްއިއްޔާތަކާއި ބެހޭ ރަޖިސްޓްރާ ބައްދަލުކުރަން ބޭނުންފުޅުވޭ. އެހެންވީމަ މިއަދު 2:00 އަށް ހާޒިރުވެދެއްވާށޭ. އަޅުގަނޑު ދެންނެވިން އެއީ ކޮންކަމަކާއި ގުޅިގެން ތޯ. ވިދާޅުވި މަދަނީ އިއްތިހާދުގެ ހައިސިއްޔަތުން މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާތީއޭ. ދެން އަޅުގަނޑު ދެންނެވިން ތިވިދާޅުވަނީ ކޮން މައުލޫމާތެއް ދިންވާހަކަތޯއޭ؟ ދެން ވިދާޅުވީ އެއެއް ނޭނގެޔޭ!" އަބްދުﷲ ވިދާޅުވި އެވެ.
އަބްދުﷲ ވިދާޅުވީ އޭނާ އެ މިނިސްޓްރީއަށް ހާޒިރުވާންޖެހޭ ސަބަބު ލިޔުމުން އެންގުމުން ނޫނީ ހާޒިރު ނުވާނެކަމަށް ހޯމް މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށެވެ. އަބްދުﷲ އަދި ވިދާޅުވީ އަދި މިހާތަނަށް ހޯމް މިނިސްޓްރީން އޭނާ ހާޒިރުވުމަށް ލިޔުމަކުން އަންގާފައި ވެސް ނުވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އަބްދުﷲ ހޯމް މިނިސްޓްރީއަށް ހާޒިރުވާން އަންގާފައިވާއިރު މިދިޔަ އަންގާރަ ދުވަހު ފުލުސް އޮފީހަށް އޭނާ ހާޒިރުކޮށް މުޒާހަރާ އާއި ގުޅިގެން ވަނީ ސުވާލުކޮށްފަ އެވެ.