24 Jun 2010, 14:56
19:00
މާލޭ ބައިނަލްއަގްވާމީ އެއާޕޯޓް ބޭރުގެ ފަރާތަކަށް ދޫކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާތީ، ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ މެންބަރު މޫސާ އަންވަރު ވިދާޅުވީ، އެގޮތަށް ނިންމާފައިވަނީ އިއްޔެ ރޭ ބޭއްވި އެ ޕާޓީގެ ހިންގާ ކޮމިޓީގެ ޖަލްސާގެ އިއްތިފާގުން ކަމަށެވެ. އަދި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސަތު ބެލެހެއްޓެވި އެ ޖަލްސާއިން ނިންމިގޮތަށް އެކަންތައް ކުރިއަށް ގެންދިއުމަށް ސިޔާސީ ޕާޓީތަކާއި ޖަމްއިއްޔާތަކާ ވާހަކަދައްކަމުންދާ ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ. އެގޮތުން ޑީއާރުޕީ އާއި ގައުމީ ޕާޓީގެ އިތުރުން ޕީއޭއާ ވާހަކަ ދައްކާފައިވާ ކަމަށާއި، އެފަރާތަކުން މިކަމަށް އެއްބާރުލުންދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންވަރު އަދި ވިދާޅުވީ، މިކަމާ އިދިކޮޅު ހެދުމަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ، ހުރިހާ ފަރާތްތައް ގުޅިގެން އެކަމާ ދެކޮޅަށް ގަރާރެއް ނެރުން ކަމަށެވެ. އެއަށްފަހު އެކަމާބެހޭ މައުލޫމާތު އާއްމުންނަށް ދިނުމަށްޓަކައި ހުރިހާ ފަރާތްތައް ގުޅިގެން އެއްވުމެއް ބޭއްވުމަށް ރާވަމުންގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިފެށޭ ހަފްތާގައި ބާއްވަން މަސައްކަތް ކުރަމުންދާ މި އެއްވުމުގައި ވަރަށް އިލްމީ ބޭފުޅުން ކަމާބެހޭ މައުލުމާތު ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަންވަރު އަދި ވިދާޅުވީ، މިއީ ސަރުކާރަށް އުނދަގޫ ކުރުމަށް ޖުމްހޫރީ ޕާޓީން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ހޯމް މިނިސްޓަރ ކަމުގެ މަގާމުގައި އެ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމް ހުންނެވިރު ވެސް، އެއާޕޯޓް ބޭރުގެ ފަރާތަކަށް ދިނުމާދެކޮޅަށް ޖުމްހޫރީ ޕާޓީން އަޑު އުފުލާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއާޕޯޓު ކުއްޔަށް ދިނުމުގެ މައްސަލައިގައި ޖުމްހޫރީ ޕާޓީން ތެދުވެފައި މިވަނީ، އެކަން ހުއްޓުވުމަށް، އިދިކޮޅު ޕީއޭއިން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އެކަމަށް އިދިކޮޅު ހެދުމަށް އިދިކޮޅު އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން މުޒާހަރާއެއް ބޭއްވުމަށް ރާވަމުންދާ ކަމަށް ވެސް ޕީއޭއިން ވަނީ ބުނެފަ އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގެ ފަރާތަކަށް ދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ހުޅުވާލި ފުރުސަތުގައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލި ފަރާތްތަކުގެނަން ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އިއްލާންކޮށްފަ އެވެ. އޭގެ ތެރެއިން އިންޑިޔާގެ ޖީއެމްއާރު ކުންފުނިން އެއާޕޯޓަށް އެއްފަހަރާ އެއްބިލިޔަން ރުރިޔާ ދިނުމަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އެއާޕޯޓް ކުއްޔަށް ދިނުމާ ބެހޭ އެއްބަސްވުމުގައި އަންނަ ހަފްތާގެ ތެރޭގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.