ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގު، ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ނިންމައިފި އެވެ.

ޕްރިމިއާ ލީގާ މެދު ގޮތެއް ނިންމުމަށް ލީގުގެ 20 ޓީމު ބައްދަލުކޮށް އިއްޔެ، މުބާރާތް ފަސްކުރަން ނިންމުމުގެ އިތުރުން، ވައިރަސް އާ ގުޅިގެން ކުރިމަތިވާނެ މާލީ ދަތިތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

މީގެކުރީން ޕްރިމިއާ ލީގު ފަސްކޮށްފައި ވަނީ މި މަހުގެ 30ގެ ނިޔަލަށެވެ. އެހެންނަމަވެސް މިއަހަރުގެ ސީޒަން ކުރިއަށްދާނީ މުބާރާތްތައް ފެށުމަށް ރައްކާތެރިވުމުން ކަމަށް ކުރީން ވެސް ބުނެފައިވެ އެވެ.

ޕްރިމިއާ ލީގު ފަށާނީ ސަރުކާރާއި ސިއްހީ ދާއިރާގެ މާހިރުންގެ ހުއްދަ ލިބި ފާސްކޮށްގެން ކަމަށް އިއްޔެ ވަނީ ނިންމާފަ އެވެ.

ޕްރިމިއާ ލީގުގެ މެޗުތައް މެދުކަނޑާލާފައި ވަނީ މިދިޔަ މަހުގެ 13ގަ އެވެ. މުބާރާތް މެދުކަނޑާލާފައިވާއިރު ލީގުގެ ކޮންމެ ޓީމެއް ވެސް އަދި ނުކުޅެ 10 މެޗެއް އެބައޮތެވެ.

ޕްރިމިއާ ލީގުގެ މިހާ ހިސާބަށް އައި އިރު، މުބާރާތުގެ އެއްވަނައިގައި 25 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. އެ ޓީމަށް މުބާރާތް ކާމިޔާބު ކުރުމަށް އަދި ދެ މެޗަކުން މޮޅުވާން ބޭނުންވެ އެވެ. ލިވަޕޫލަށް އެންމެ ފަހުން ޕްރިމިއާ ލީގުގެ ތަށި އުފުލާލެވިފައި ވަނީ 1990ގަ އެވެ.